ޚަބަރު

ތްރީ އެކްސް ތްރީ އޭޝިއާ ފައިނަލް ބުރު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ބުދަދުވަހު ނިންމާލެވޭވަރުވާނެ - ވިޝާމް


ތްރީ އެކްސް ތްރީ އޭޝިއާ ކުއެސްޓްގެ ފައިނަލް ބުރު ރާއްޖޭގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ބުދަދުވަހު ނިންމާލެވޭވަރުވާނެކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ބުނެފިއެވެ.

ރާއްޖޭގައި ތްރީ އޮން ތްރީ އޭޝިއާ ކުއެސްޓްގެ ފައިނަލް ބުރުގެ މެޗްތަށް ރާއްޖޭގައި ބޭއްވުމަށް ޒުވާނުންގެ މަރުކަޒު ކުރިމަތީގައި ތްރީ އޮން ތްރީ ކޯޓެއް އަޅާ މުބާރާތަށް އެތަންވަނީ ތައްޔާރުކޮށްފައެވެ. އެމްބީއޭގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ބުނީ މިއީ ބުރަ މަސައްކަތެއްކަމަށާއި ނަމަވެސް މިފަދަ މުބާރާތެއް ބޭއްވުމުން ރާއްޖެއަށް ވަރަށް ގިނަ ފައިދާ ކުރާނެކަމަށެވެ. ކޯޓްގެ ފުލޯރިންގެ ހުރިހާ މަސައްކަތެއް ނިމި، ކޯޓް ހިޔާކުރުމުގެ މަސައްކަތްވެސް ގާތް ގަނޑަކަށް ނިމިފައިވާއިރު، ބާކީ މިހާރު ހުރީ ސަޕޯޓަރުންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތްކަމަށް ވިޝާމް ބުނިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލަގްވާމީ ތްރީ އޮން ތްރީ އޭޝިޔާ ކުއެސްޓް ފައިނަލް ބުރު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަކަށް މަދުވެގެން 1.5 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާކަމަށާއި ، މުބާރާތަށްޓަކައި ހާއްސަ ކުރެވުނު ފުލޯ އަދި ރިންގް ތަކަކީވެސް މިކަމަށް ރާއްޖެއިން ބޭރުން ގަނެފައިވާ ސާމާނުކަމަށްވެސް ވިޝާމް ބުނިއެވެ.

ތްރީ އެކްސް ތްރީ އޭޝިއާ ކުއެސްޓްގެ ފައިނަލް ބުރުގައި ތްރީ އެކްސް ތްރީގެ ދުނިޔޭގެ އެއްވަނަ ގައުމް ކަމުގައިވާ ޗައިނާއިންވެސް ވާދަކުރާނެއެވެ. ޖަޕާން، ކޮރެއާ، ކިރިގިސްތާން، ކަޒަކިސްތާން، އިންޑިޔާ އަދި ސްރީލަންކާވެސް މިމުބާރާތުގައި ވާދަކުރާނެއެވެ. 15 ގައުމްއަކުން 28 ޓީމް މިފައިނަލް ބުރުގައި ވާދަކުރާއިރު، ކޮންމެ ގައުމްއަކުންވެސް ބައިވެރިވާނީ އަންހެން ޓީމަކާއި ފިރިހެން ޓީމެވެ. ނަމަވެސް ރާއްޖޭގައި މިމުބާރާތް ބައްވާތީ، ރާއްޖެއިން ފައިނަލް ބުރުގައި އަންހެން ދެ ޓީމް އަދި ފިރިހެން ދެ ޓީމް ވާދަކުރާނެއެވެ. ތްރީ އެކްސް ތްރީ އޭޝިއާ ކުއެސްޓްގެ ފައިނަލް ބުރުގައި ވާދަކުރާ ޓީމްތައް މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ އަންނާނެކަމަށްވެސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ. މި މުބާރާތުގެ މެޗުތައް ފަށާނީ އަންނަ ހުކުރުދުވަހުއެވެ.