ސިޔާސީ

ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކާއި 2 ސްކޫލް ޤާއިމްކޮށްދޭނަން - ރަނިލް


އައްޑޫ ސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ދެ ސްކޫލް ޤާއިމްކޮށްދެއްވާނެކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވަމުން ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮންމެ ޤައުމެއްގެ ޤާނުނު ހަދާ މަޖިލީހަކީވެސް ޚާއްޞަ ބާރުތަކާއި އިމްތިޔާޒްތަކެއް ލިބިގެންވާ އަދި ޑިމޮކްރަސީގެ އަސާސްތައް ހިފަހައްޓާ މުއައްސަސާއެއްކަން ފާހަގަކުރައްވާފައެވެ. މިހާރު ދުނިޔޭގެ ޑިމޮކްރަސީތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޑިމޮކްރަސީގެ ނާޖާއިޒް ފައިދާ ނެގުންކަމަށާއި އެކަމުގެ ގެއްލުން ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ލަންކާގެ 25 އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު މިއަހަރުގެ އޭޕްރީލް މަހު އެޤައުމުގެ އެކިތަންތަނަށް ދިން ޓެރަރިސްޓް ހަމައަލާއަކީ ޤައުމަށާއި ރައްޔިތުންނަށް ލިބުނު ކުއްލި ސިހުމެއްކަން ސިފަކުރައްވާފައެވެ. އަދި ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ ޓެރަރިޒަމް ނައްތާލުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ލަންކާއިން ތައްޔާރަށް އޮތްކަމަށްވެސް ބޮޑުވަޒީރު ރަނިލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއާއި އެނޫންވެސް ޤައުމުތަކާއި ގުޅިގެން ޓެރަރިޒަމް ނައްތާލުމަށް ލަންކާއިން އެހީތެރިވާނެކަމުގެ ޔަޤީންކަން ދެއްވަމުން ލަންކާގެ ބޮޑުވަޒީރު ވިދާޅުވީ މިދަނޑިވަޅަކީ ދެޤައުމުގެ ގުޅުން މިހާރަށްވުރެ ފުޅާކުރަންޖެހޭ ވަގުތުކަމަށެވެ.

ބޮޑުވަޒީރު ރަނިލްގެ ވާހަކަފުޅުގައިވަނީ ސްރީލަންކާއަށް އެންމެ ބޭނުންވި ވަގުތުގައި ދިވެހިންނާއި، ޚާއްޞާކޮށް ރާއްޖޭގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ފަރާތުން ދެއްވި ހިތްވަރާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިސް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވާ ބޮޑުވަޒީރު ރަނިލް ވަނީ އެކަންކަން ކުރުމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޚާއްޞާ މަންދޫބެއް މި މަޝްވަރާތަކަށް އިސްކޮށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ލަންކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރާއްޖޭގެ ތަޢުލީމާއި ސަލާމަތީ ބާރުތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވާ ތަރައްޤީކުރުމަށް ލަންކާއިން އެހީތެރިވަމުން އައިސްފައިވާކަން ފާޙަގަކުއްވާ އިތުރު ދާއިރާތަކުން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަތުރުވެރިކަމާ، ޒުވާނުންނާއި ކުޅިވަރުގެ ވަސީލަތް ތަރައްޤީކުރުމާއި، ޘަޤާފީ ތަރިކަ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގަިއ އެހީވާނެކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ފާހަގަކުރައްވައި އެ އެއްބަސްވުންތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ސްރީލަންކާ ސަރުކާރުގެ ފަރާތުން އައްޑޫސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފޯރުކޮށްދީ، ރާއްޖޭގައި ދެ ސްކޫލް ތަރައްޤީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ވަންޖެހޭ ތައްޔާރީތައް ކުރިއަށްދާކަންވެސް ބޮޑުވަޒީރު ރަނިލް ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަގެ ވާހަކަފުޅުގައި އެމަނިކުފާނު ލަންކާގެ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވިއިރު ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިހާރު ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ވޮކޭޝަނަލް އެޑިއުކޭޝަން ފުޅާކުރުމަށް ބޭނުންފުޅުވާކަމަށެވެ.

"ސްރީލަންކާއިން އައްޑޫސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް އެހީވެދޭންވަނީ ނިންމާފައި. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ޤާއިމްކޮށްދޭނަން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޅުގަނޑުމެން ވާނީ ހުށައަޅާފައި ދިވެހިރާއްޖޭޣައި ދެ ސްކޫލެއް ޤާއިމްކުރުމަށް. މިކަން ކުރުމަށް ދެޤައުމުގެ ކަމާގުޅުންހުރި އިދާތާތަކުން ދަނީ މަޝްވަރާކޮށް އެކަމާގުޅޭ މަސައްކަތްތައްކުރަމުން." ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑުވަޒީރުގެ ވާހަކަފުޅުގައި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ޚާއްޞަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ރަނިލްގެ ތަޤްރީރަށްފަހު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މި ސަރަހައްދުގައި އޮތް އެންމެ ހަރުދަނާ ޑިމޮކްރަސީ އޮތީ ސްރީލަންކާގައިކަމަށް ވިދާޅުވެފައެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ރާއްޖޭގެ ދުވަސްވީ ޘާޤާފީ ލިޔުމެއްކަމަށްވާ އިސްދޫ ލޯމާފާންގެ ކޮޕީއެއް އަރުވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައިވަނީ އިޢްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.