ޚަބަރު

އެއަރޕޯރޓް އިމުގެ ތެރެއަށް ވަންނަ ދެ ގޯތީގެ ބަދަލަށްވާ ފައިސާ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކޮށްދީފި


ކުޅުދުއްފުށީ އެއާޕޯޓްގެ އިމުގެ ތެރއަށް ވަންނަ 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފަހުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ.

އެއާޕޯޓުގެ އިމުގެ މައްސަލަ ޖެހުނު ގޯތި ތަކުގެ ތެރެއިން ކޯޓުން ކަނޑައެޅި ބަދަލާ މެދު ހިތްހަމަ ނުޖެހިގެން މިދިޔަ އަހަރު ހައިކޯޓްގައި އިސްތިޢުނާފް ކޮށްފައިވަނީ 2 ގެއެއްގެ ވެރިންނެވެ. އެމައްސަލަ ހައިކޯޓުން ނިންމާފައިވަނީ އޭރު ދީފައިވަނީ ޢަދްލުވެރި ބަދަލެއް ނޫން ކަމުގައެވެ. މިދިޔަ އަހަރު އޮކްޓޯބަރުމަހު ހައިކޯޓުން ވަނީ މިމައްސަލަ އަލުން ބެލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގާފައެވެ.

މިގޮތަށް އެންގުމުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަލުން މިމައްސަލަ ބެލުމަށްފަހުން މިދިޔަ މަހު 8 ވަނަދުވަހު، ޙުކުމް ކުރީ މިތަނުން އެއް ގޭގެ ބަަލެއްގެ ގޮތުން އެއް މިލިއަން އެއްލައްކަ ހަތްދިހަ އަށްހާސް ތިން ސަތޭކަ އަށާރަ ރުފިޔާ ނުވަދިހަ ހަތް ލާރި ދިނުމަށެވެ. އަދި އަނެއް ގޭގެ ބަދަލުގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ފަސްހާ އެއްސަތޭކަ ވިހި ރުފިޔާ ތިރީސް ހަތްލާރި ދިނުމަށެވެ. މި ބަދަލު ދިނުމަށް ކަނޑައެޅީ ޝަރުއީ އަގު ކޮމެޓީން އަގު ކުރުމަށްފަހު އެވެ.

ކޯޓުން ބުނީ މިހާރު އެ ދެ ގޯތީގެ ވެރިފަރާތަށް އެފައިސާ ޙަވާލު ކުރުމަށްޓަކައި އެކައުންޓް ނަމްބަރު އަންގައި ދިނުމަށް މި ދެގޭގެ ވެރިންނަށް އަންގާފައިވާ ކަމަށެވެ. އަދި މިކަން އަންގައި ދިނުމުން އެފައިސާ،، ޙުކުމްގައިވާ ގޮތަށް އެ ދެގޯތީގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް ކުޅުދުއްފުށީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންމައުލޫމާތު ދެއެވެ.