ޚަބަރު

ސްރީލަންކާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤްރީރު ކުރެއްވުން މާދަމާ


ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުން މާދަމާ ހެނދުނު 9:30ގައި އޮންނާނެކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފައިވާ ލަންކާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤްރީރު ކުރައްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ދައުވަތުދެވޭ ބައެއް އެހެންފަރާތްތައްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ބޮޑުވަޒީރު ރަނިލް މަޖިލީހުގައި ތަޤްރީރު ކުރެއްވުމާ ގުޅޭގޮތުން ނެގިވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ފާސްވެފައިވާއިރު، މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ވަނީ ތާއީދުކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ 2 އިއްޒަތްތެރިންނަށް މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު ދެއްވާފައިވެއެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑެރީކާ މޮގެރީނީ ވަނީ މަޖިލީހުގައި ތަގްރީރު ކުރައްވާފައެވެ.