ޚަބަރު

ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ


ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދާކަމަށް އެކައުންސިލުން ބުނެފިއެވެ.

ކުމުންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ.

ކުމުންދޫ ކައުންސިލުން ބުނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށެވެ.

ކައުންސިލުންބުނީ މިއީ އެރަށުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކޮއްދިނުމުގެ މަގްޞަދުގައި ތަރައްގީކުރާ އައިސްޕްލާންޓް އެއްކަމަށެވެ.

އާބާދީގައި 1470 މީހުން ދިރިއުޅޭ ހދ ކުމުންދޫގައި މަސްވެރިކަން ކުރާ 4 ދޯންޏެއް ބޭނުންކުރާކަމަށް މައުލޫމާތުދެއެވެ.