ވިޔަފާރި

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓު ހުޅުވައިފި


ރާއްޖޭގައި ހުޅުވާ އިންޓަރ ކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް، އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓު ހުޅުވައިފިއެވެ.

ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ.

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރއެއްވެސް އެ ރިސޯޓުގައިހުރެއެވެ.

އަހަރުގެ މިހާތަނަށްވެސް ރާއްޖޭގައި ގިނަ އަދަދަކަށް އާ ރިސޯޓުތައް ވަނީ ހުޅުވާފައެެވެ. މިއަހަރުގެ ޖުލައިމަހު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އަލަށް 11 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހާ ހަމައަށް 12 ރިސޯޓު އަލަށްވަނީ ހުޅުވާފައެވެ. މިއާއެކު މިއަހަރުގެ ނިމޭއިރު، އަހަރުގެ ތެރޭ އަލަށް ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު 23 އަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.