ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޤުރުއާން ކިޔެވުމުގެ ތިރީސްތިންވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ.
އެއްހާސް ދުއިސައްތަ ހަތްދިހަ ތިން ދަރިވަރުންނާއެކު ފެށި މިމުބާރާތް ފަށްޓަވައިދެއްވައި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސުވައި މިފަންނު ކުރިއެރުވުމަށް ބާއްވާ މިމުބާރާތަކީ ނުހަނު މުހިންމު މުބާރާތެއްކަމަށެވެ.
އަދި މިފަންނު ކުރިއަރުވައި ރީތިކޮށް ޤުރުއާން ކިޔަވާ ދަރިވަރުންތަކެއް އުޅޭ ޖީލެއް ބިނާކުރުމަކީ މުސްތަޤުބަލަށް ބޮޑެތި ފައިދާކުރާނެ ކަމެއްކަމަށް ނައިބުރައީސް ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެން އެންމެންނަކީ ކީރިތި ޤުރުއާން އުނގެނި އެއަށް ޢަމަލުކުރާ ބަޔަކަށް ވާންޖެހޭކަން ނާއިބުރައީސް ފާހަގަކުރެއްވިއެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކޮންމެ އަހަރަކުވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތަކީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަމަށް އެތަނުގެ ނަން ބަދަލުވީފަހުން ބޭއްވޭ ފުރަތަމަ މުބާރާތެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ރަނގަޅު ހެޔޮލަފާ ޖީލެއް ބިނާކުރެވޭނީ ގިނަބައެއްގެ މަސައްކަތުންކަމަށެވެ. އެގޮތުން ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީން ކުރައްވަމުން ގެންދަވަނީ އެމަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެހެން އަހަރުތަކާއި މިއަހަރުގެ މުބާރާތް އެކި ގޮތްގޮތުން ތަފާތުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
33ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި 7 ބޭފުޅުންގެ ޓީމަކުން ޙަރަކާތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް ޕެނަލްގައި ތިއްބަވާނީ 6 ބޭފުޅުން ކަމަށްވެސް މަޢުލޫމާތުދެއްވައެވެ. މުބާރާތް ކުރިއަށްދާއިރު އިސްލާމީ މަރުކަޒާއި ގުރުއާނާއިބެހޭ މަރުކަޒުގައިވެސް މުބާރާތް ކުރިއަށްދާނެއެވެ.
ބަލައިގެން ލިޔެވުމުގެ ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޤުރުއާނާ ބެހޭ މަރުކަޒުގައިކަމަށާ ހިތުން ކިޔެވުމުގެބައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އަދި މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ދަންފަޅިއަކަށް ބަހާލައިގެނެވެ. މިފަހަރުގެ މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން ޢާއްމުބަޔަކާއި ސްކޫލް ކުދިންނަށް ޚާއްސަކޮށްފައިވާ ބަޔަކާއި ހާފިޒުންގެ ބައެއްވަނީ ހިމަނާފައެވެ.
މިއަހަރުގެ މުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދޭ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ އިތުރުން ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފަތުރައި ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިއހަރުގެ މުބާރާތުގެ ރިކޯޑިން ޕީއެސްއެމްގެ މުންނާރު ޗެނަލުން ދައްކާނެއެވެ.