ޚަބަރު

ރީތިރަށް ރިސޯޓު ކައިރިން ދޯންޏެއް އަޑިއަށްގޮސް 5މީހަކު ގެއްލިއްޖެ


ރީތި ރަށް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް ދޯންޏެއް އަަޑިޔަށް ގޮސް، ފަސް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.އެމްއެންޑީއެފް އިން ބުނީ، ރީތި ރަށް ރިސޯޓު ކައިރިން މިއަދު ހެނދުނުގެ ވަގުތެއްގައި މުދާ އުފުލާ ދޯންޏެއް ދަތުރުކުރަމުން ދަނިކޮށް އަޑިޔަށް ގޮސްފައިވާ ކަމުގެ ރިޕޯޓް ލިިބިފައިވާ ކަމަށާއި އޭގައި ތިބި ފަސް މީހުން ފަތާފައި ޑިންގީއަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންމަވެސް އެމީހުން ކޯސްޓްގާރޑުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެމީހުންގެ ޚަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށްވެސް ކަމަށް އެފަރާތުން ބުނެއެވެ.މީގެ އިތުރުން ވެސް ރީތި ރަށް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް މުދާ އުފުލާ އިތުރު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ދިޔަވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އޭގެއިން ދަތުރުކުރަމުންދިޔަ ތިން މީހުން އެސަރަޙައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.އެމްއެންޑީއެފުންވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަށީގެންވާ މިންވަރަށް މުދާ ބަރުނުކޮށް ސަލާމާތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ކަނޑުދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވިއްސާރަކޮށް ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރެވޭހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.މޫސުމާއިބެހޭ އިދާރާއިން މިއަދު ހެނދުނު އަށަކުން ބާރައަށް ފާފު އަތޮޅާއި އައްޑު އަތޮޅާއި ދެމެދަށް ރީނދޫ އެލާޓްވެސް ނެރެފައިވެއެވެ. ރީނދޫ އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ތައްޔާރީ ހާލަތުގައި ތިބުމަށް ނެރޭ އެލާޓެކެވެ. މި އެލާޓް މިހާރުވަނީ އުވާލާފައެވެ.މޫސުމާއި ބެހޭ އިދާރާއިން ބުނީ، މެދު ރާއްޖެތެރެއަށްވެސް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ. އަދި އުތުރުގެ ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި އެސަރަހައްދުތަކަށްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް އެއިދާރާއިންވަނީ ހަމަކޮށްފައެވެ.އެގޮތުން މިހާތަނަށް އެންމެ ގިނައިން ވާރޭވެހިގެން ރިކޯޑް ކުރެވިފައިވަނީ ގދ. ކާނޑެއްދޫއަށް ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ. ގދ. އަތޮޅުގައި ހިމެނޭ ވާދޫއަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވެއެވެ.