ޚަބަރު

އެންމެކުޑަ އުޖޫރަ ކަނޑައަޅަނީ ޒުވާނުންނަށް އަމާޒުކޮށްގެން - ރައީސް ނަޝީދު


އެންމެކުޑަ އުޖޫރަ ކަނޑައަޅަނީ ޒުވާނުންނަށް އަމާޒުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރެއްވި ދަތުރުތަކުން ޒުވާނުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ހައްގުވާ މިންވަރު ނުލިބުމުގެ ޝަކުވާކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެކުޑަ އުޖޫރަ ކަނޑައެޅުމުގެ އެންމެ މުހިންމު ބޭނުމަކީ ޒުވާނުނަށް ލިބެންޖެހޭ ހައްޤުމިންވަރު ކަށަވަރުކޮށްދެއްވުންކަމަށާ، އެކަން މިސަރުކާރުން ކުރާނެކަމަށެވެ.

އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށްވާއިރު ޒުވާނުން މަގުތަކުގައި ގިނަވެ ކުރާނެކަމެއް ނެތިފައިވާ މައްސަލައަށް އަވަސްހައްލެއް ބޭނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތިފައިވަނީ ކޮން ޒުވާނުންނެއްކަން، އެގޭނެ ގޮތެއް ނެތްކަމަށާ، ސަރުކާރުން މި ދަފުތަރުވެސް އެކުލަވާލައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއާއިމެދު ކުރެވޭ ތަސައްވަރާ، އުންމދުތަކަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައިހުރި ގުދުރަތީ ވަސީލަތްތަކާއެކު ތަރައްޤީ ހޯދޭނެ ގޮތަކަށް ވިސްނަންޖެހޭކަމަށެވެ. ރަށުގައި ހުންނަ މީހާގެ ޖީބަށް ބަރުނުވެ ބަދަރާއި ނަރުދަމާއާއި އެއަރޕޯޓް ހެދުމަކުން، އަދި ތަރައްޤީ ނުވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޙަފްލާގައި އެޕާޓީގެ ޗެއާޕާސަން ޙަސަން ލަތީފާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ އިސްބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. މި ކޮންގްރެސްއަކީ 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންގްރެސްއެކެވެ.