ކުޅިވަރު

ބިދޭސީ ކޯޗުގެ އިރުޝާދާއެކު ޤައުމީ ބޮޑީބިލްޑިންގ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


ޤައުމީ ބޮޑީބިލްޑިންގ ޓީމަށް ގެނައި ބިދޭސީ ކޯޗުގެ އިރުޝާދާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ޤައުމީ ބޮޑީބިލްޑިންގ ޓީމަށްގެނައި ކޯޗަކީ އިންޑިޔާގެ އަނޫރާގް އަނިލްކުމާރުއެވެ. ކޯޗު އަނޫރާގުގެ އިރުޝާދުގެ ދަށުން ޓީމްގެ ތަމްރީންތައް މިއަދު ފެށިއިރު، ކޯޗުވަނީ ކޮންމެ އެތުލީޓަކާއި ވަކިން އިންޓަވިއުކޮށް، އެ އެތްލީޓުން ހަށިގަނޑު ބައްޓަންކުރަން ބޭނުންކުރާ ސަޕްލިމެންޓްތަކާއި، ތަމްރީންތައް ކުރިއަށްގެންދާގޮތް އަހާ އޮޅުން ފިލުވާފައެވެ. އަދި މީގެ އިތުރުން އެ އެތްލީޓުން ކުރިއަށް ދިޔުމަށް ބޭނުންވާ އަމާޒާއި، ކުރިއަށްދެވޭނެ ގޮތްތައްވެސް ކޯޗާއެކުވަނީ މަޝްވަރާކޮށްފައެވެ.

ޤައުމީ ޓީމު މިހާރު ތައްޔާރުވަމުންދަނީ މިމަހު ފަހުކޮޅު އިންޑޮނީޝިޔާގައި އޮންނަ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕަށެވެ. އަދި މި މުބާރާތަށްފަހު ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައިވެސް ދިވެހި ޓީމުން ވާދަކުރާނެއެވެ. މީގެ އިތުރުން އަންނަ އަހަރު ރާއްޖެގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕަކީވެސް ދުރާލައި ދިވެހި ޤައުމީ ބޮޑީބިލްޑިންގ ޓީމު ތައްޔާރުވާ މުބާރާތެކެވެ.