ޚަބަރު

ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވާނީ ޒުވާނުންގެ އުންމީދުތައް ޙާސިލްވާ ގޮތަށް - ރައީސް


ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ޒުވާނުންގެ އުންމީދުތައް ޙާސިލްވާ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމަށެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޒުވާނުން ޙިއްސާކުރާއިރު، ވާޒީފާއާއި، ބޯހިޔާވަހިކަމުގެ ދަތިކަން އެންމެބޮޑަށް ތަހައްމަލު ކުރަނީވެސް ޒުވާނުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒު ކަނޑައަޅާފައިވާނީ ސަލާންޖަހަން ނުޖެހި ތަޢުލީމު ޙާސިލްކުރެވޭނެ މަގު ޒުވާނުންނަށް ފަހިކޮށް ދެއްވުމަށާއި، އެކަން މިސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒީފާ ނުލިބި މަގުމަތިވެފައިވާކަން ފާހަގަކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަނީ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ، ޒުވާނުންނަށް ކުރިމަގެއް ހޯދުމަށްކަށެވެ. މުޖުތަމައުގައި ކަމެއްނެތިފައިވާ ޒުވާނުން ގިނަވެ، ވިޔާނުދާ ޢަމަލުތަކަށް އަރައިގަންނަމުންދާ އެއްސަބަބަކީ ބޯހިޔާވަކިކަން ނެތުންކަމަށާ، މިކަމަކީވެސް ހައްލެއް ލިބެންޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތު ތަނަވަސްނުވުމުން، ޖަލުގެ އާބާދީގެ 65% އަކީ ޒުވާނުންނަށް ވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ޖަލުގައިތިބި ޒުވާނުންނަކީވެސް ތާއަބަދަށް އެތާގައި ބައިތިއްބާ ބަޔަކަށްނުވެ ރިހެބިލިޓޭޝަންގެ ފަރުވާއާއެކު މުޖުތަމައަށް އަލުން އެމީހުން ނެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުފެށޭ ޒުވާނުންގެ ކޮންގްރެސްއަކީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ހަކަތަ ހުރިކަން ހާމަވާކަމެއްކަމަށާ، އެމްޑީޕީއަކީ ސިޔާސީ މައިދާނުގައި ޒުވާނުންނަށް ބަސްބުމުގެ ފުރުސަތު ތަނަވަސްކޮށްދިން ޕާޓީކަމުގައި ރައީސް ވިދާޅުވިއެވެ. ޤާނޫނު އަސާސީގައި ވޯޓުލެވޭ ޢުމުރަކީ 21 އަހަރުކަމުގައި ވަނިކޮށް ޒުވާނުންނަށް 18 އަހަރުގައި މިފުރުސަތު ފަހިކޮށްދިނީ އެމްޑީޕީންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ އިސްސަފަށާއި، ޕާޓީގެ ހަރަކާތްތަކަށްބަލާއިރު ޒުވާނުންގެ ދައުރާއި، ޒުވާނުންގެ ހިއްވަރަކީ އެމްޑީޕީގެ އެންމެބޮޑު ހަކަތަކަމަށާ، މި ކޮންގްރެސްއިން ޕަޓީގެ ޒުވާނުންގެ ރޫޙު އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އިފްތިތާހު ކުރުމަށް ބޭއްވި މިޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ. އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ޤަވާޢިދު އެކުލަވާލުމާއި ގޮފީގެ ދިދަ ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.