ޚަބަރު

ރާއްޖެ - ސްރީ ލަންކާގެ ސިޔާސީ ގުޅުމަށް 54 އަހަރު - ބޮޑުވަޒީރު ރަނިލް ރާއްޖެއަށް


ސްރީ ލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ ބައިނަލްއަޤުވާމީ އެކުވެރިޔާއެވެ. ބޭސްފަރުވާއާއި ތައުލީމާއި ވިޔަފާރީގައިވެސް ސްރީ ލަންކާއަކީ ބޭރުގެ ޤައުމުތަކާއި ރާއްޖެ ގުޅުވައިދިން އެންމެ މުހިންމު ބައިވެރިޔާއެވެ.

1965ވަނަ އަހަރު ޖުލައި މަހުގެ 26ވަނަ ދުވަހު ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިފަހުން މިހާތަނަށް ފާއިތުވެދިޔަ 54 އަހަރުގެ ތެރޭގައި ސްރީ ލަންކާއާއި ރާއްޖޭގެ ގުޅުންއެކި ރޮނގުރޮގުންވަނީ އެތައް ގުނަޔަކަށް ބަދަހިވެ ކުރިއަރާފައެވެ.

މިދެޤައުމުގެ ކަންކަން ހަރުދަނާކަމާއިއެކު ކުރިއަށް ގެންދިއުމަށް 1906ވަނަ އަހަރުގެ މާޗްމަހުގެ 11ވަނަ ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައިވަނީ ރާއްޖޭގެ އޮފީހެއް ހުޅުވާފައެވެ. މިއޮފީސް ރަސްމީކޮށް އެމްބަސީއަށް ބަދަލުކޮށް ޚާރިޖީ ގުޅުން އިތުރު ހަރުފަތަށް ގެންދިޔައީ 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ޚާރިޖީ ގުޅުން ހަރުދަނާކުރުމަށް 1980ވަނަ އަހަރުގެ ޖުލައި 1ވަނަ ދުވަހު ރާއްޖޭގައި ވަނީ ސްރީ ލަންކާގެ އެންބަސީއެއް ގާއިމްކޮށްފައެވެ. ދެޤައުމުގެ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ބަދަހިކޮށް ހަރުދަނާ ކުރުމަކީ އެއިރެއްގައި ރާއްޖޭގެ ސަރުކާރުގައި ހުންނެވި ކޮންމެ ވެރިޔަކުވެސް ނުހަނު އިސްކަންދެއްވި ކަމެއްކަން ޓާރިޚަށް ބަލާލުމުން ފާހަގަކުރެވެއެވެ.

މިމަސައްކަތްޕުޅުތަކުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ދާއިރާތަކުން މުހިންމު އެތައްއެއްބައިސްވުންތަކެއް މިހަތަނަށް ވެފައިވުމެވެ.

މިވީ 54 އަހަރުދުވަހުގެތެރޭގައި ރާއްޖެއާއި ސްރީ ލަންކާ ދެމެދުވަނީ އެކި ދާއިރާތަކުން އެހީތެރިވުމަށް 25 އަށްވުރެ ގިނަ ބައިލެޓްރަލް އެގްރީމަންޓްތައް އެކުލަވާލައި ސޮއިކޮށްފައެވެ. މައިގަނޑު ގޮތެއްގައި މި އެގްރިމަންޓްތައް ހަދާފައިވަނީ ވިސާގެ މައްސަލަތައް ހައްލުކުރުމަށާއި، ވިޔަފާރިއާއި ޓުއަރިޒަމާއި ސަގާފަތާއި ތަރިކައާއި، ތައުލީމީ ދާއިރާގެ އިތުރުން ކުށްވެރިން ބަދަލުކުރުމާއި ގުޅޭގޮތުންނެވެ.

މިނޫނަސް ސްރީލަންކާގެ އެއިރެއްގައި އޮންނަ ވެރިކަމަކުން، ރާއްޖޭގެ ސަރުކާރާއިއެކު އެކިދާއިރާތަކުން ގުޅުންޤާއިމްކުރުމަށް އެއިރެއްގެ ހާލަތާގުޅޭ އެއްބަސްވުންތައް ވެފައިވެއެވެ. ރާއްޖެއާއި ސްރީ ލަންކާގެ ސިޔާސީ ގުޅުމުގެ ވާހަކަތަކަތަކަކީ މިއަދު ރާއްޖޭގައިއޮތް ސަރުކާރާއިވެސް ނުހަނު ގުޅުންހުރި ވާހަކަތަކެކެވެ.

މިއަދު ވެރިކަން ކުރަމުންދާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އުފަންވީވެސް އަވަށްޓެރި ސްރީލަންކާގައެވެ. ރާއްޖޭގައި އޭރު އަމަލުކުރަމުންދިޔަ ޤާނޫނު އަސާސީގައި ބުނާގޮތުން މިހާރު މިހިނގާފަދަ ސިޔާސީ ހަރާކާތްތައް ހިންގުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ވަކި ސިޔާސީ ފިކުރެއްގައި ޖަމާއަތް ހެދުމާއި، ސިޔާސީ ޕާޓީހެދުމަކީ ޤާނޫނު އަސާސީން ތަންދޭކަމަކަށްވެސް ނުވެއެވެ. މިސަބަބުތަކަށްޓަކައި 2007ވަނަ އަހަރުގެ ފެހި ޤާނޫނު އަސާސީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ތަސްދީގް ކުރެއްވުމާ ހަމަޔަށް އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ރާވައި ހިންގާފައިވަނީ އެކަމުގެ އިސް މޭސްތިރިން އަވަށްޓެރި ސްރީލަންކާގައި ތިއްބަވައިގެންނެވެ.

ރާއްޖެއާއި ސްރީ ލަންކާގެ ޒަމާންވީ މި ގުޅުންތަކުގައި ތާރީޚީ އެތައްކަމެއް ހިނގާފައިވާއިރު، ސްރީ ލަންކާއަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެންމެ އަމާންކަމާއި، މިނިވަންކަމާއިއެކު އުޅެވޭ އެއްޤައުމުކަމުގައިވެސް ވަނީ ވެފައެވެ. އެއީ ދިވެހިންގެ ދެވަނަ ވަޒަންކަމުގައި އެމީހުން ދެކެއެވެ. ނިމިދިޔަ ސަރުކާރުން އޭރުގެ ސިޔާސީ ބައެއް ފަރާތްތަކަށާއި، ލީޑަރުންނަށް ދައްކަމުންދިޔަ ބިރާއި، ދެއްވަމުންދިޔަ ޤާނޫނާއި ޚިލާފު އަދަބުތަކުން ސަލާމަތްވެ ގިނަ ދިވެހިން ހިމާޔަތްވުމަށް ދިޔަ އެއްޤައުމަކީވެސް ސްރީލަންކާއެވެ.

ސްރީ ލަންކާއާއި ރާއްޖެއާ ގުޅުވާލެވޭ މިފަދަ އެތައް ސިޔާސީ ގުޅުންތަކެއް އެބައޮތެވެ. މިހުރިހާ ކަންތައްތަކާއި ސަބަބުތަކަށްޓަކައި ރާއްޖެއާއި ސްރީ ލަންކާއާ ދެމެދުއޮތް ގުޅުމަކީ ތާރީޚީ އަދި އެހާމެ ބަދަހި ގުޅުމެކެވެ. މިގުޅުން މީގެ 54 އަހަރުކުރިން އޮތް މިންވަރަށްވުރެ ބަދަހިވެ ފުޅާވެފައިވާކަމުގެ އެންމެބޮޑު ހެއްކަކީ ދެޤައުމުގެ މަތީފެންވަރުގެ ބޭފުޅުން މިވެރިކަމުގެ މިވީ މަދުދުވަސްތަކުގެ ތެރޭގައިވެސް އެއްޤައުމުން އަނެއްޤައުމަށް ދަތުރުކޮށްފައިވުމެވެ. ހަމައެހެންމެ މިއަދު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިކުރައްވާ ދަތުރުފުޅުންވެސް މިކަން ރަމްޒުކޮށްދެއެވެ.

އެމަނިކުފާނުވަނީ މީގެކުރިން ރާއްޖެއަށް 4 ފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނު އެންމެފުރަތަމަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ 1984ވަނަ އަހަރު އޮގަސްޓް މަހުގެ 18ން 21އަށް ކުރެއްވި ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވިއިރު އެމަނިކުފާނު ހުންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޔޫތު އެފެއާޒް އެންޑް އެމްޕޮލޯއިމަންޓްގެ މަޤާމުގައެވެ. އެމަނިކުފާނުގެ ދެވަނަ ދަތުރުފުޅަކީ 1993ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11ން 12އަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ތިންވަނަ ދަތުރުފުޅަކީ ލަންކާގެ ޕާލިމަންޓްރީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ވަޑައިގަތުމެކެވެ. 1990ވަނަ އަހަރު އޮގަސްޓް މަހުގެ 11ން 12އަށް، ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ 7 މެމްބަރަކާއި 4 އޮފިޝަލަކާއެކު އެމަނިކުފާނު ކުރެއްވި މިދަތުރުފުޅުގެ އެންމެއިސް ބޭފުޅަކީވެސް އެމަނިކުފާނެވެ. އެ މަނިކުފާނުގެ އެންމެ ފަހުން ރާއްޖެއަށް ވަޑައިގަތީ 16 ޑިސެމްބަރު 2002ވަނަ އަހަރު، އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުވަތަކަށެވެ.

އޭގެފަހުން މިއަދު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް ދެއްވި ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އިބްރާހިމް ޞާލިޙަކީ ރާއްޖެއާއި ބޭރުގެގުޅުން އިތުރަށް ބަދަހިކުރައްވައި، ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކުގެ ގުޅުންތަކަށް ނުހަނު އިސްކަމެއްދެއްވާ ބޭފުޅެކެވެ.

ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައިގެން ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް 2ވަނަ ދަތުރުފުޅަށް މިދަތުރުފުޅުވެއެވެ. މީގެ އިތުރުން ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވި އިތުރު 4 ބޭފުޅަކު 1974 އިން 1992 އާއި ހަމައަށް 4 ދަތުރުފުޅު ކުރައްވާފައިވެއެވެ. މި ދަތުރުފުޅު ތަކުންވެސް ސްރީ ލަންކާގެ އިސްވެރިން ރާއްޖެއަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމާއި، އިސްކަން ހާމަވެގެންދެއެވެ.