ޚަބަރު

ކުރިއަށް އޮތް ގަރުނެއްހާ ދުވަސްތެރޭ ރާއްޖޭގެ ޒުވާން އާބާދީ ވަރަށް މަދުވާނެ - ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު


ކުރިއަށް އޮތް ގަރުނެއްހާ ދުވަސްތެރޭ ރާއްޖޭގެ އާބާދީގެ ނިސްބަތުން ޒުވާނުންގެ އަދަދު މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ، އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

"ތަހުޒީބު މުޖުތަމައަކަށް ޒުވާނުން"، މި ޝިއާރުގެ ދަށުން މިއަދު ގދ. ތިނަދޫގައި ފެށި ޒުވާން ލީޑަރުންގެ ފޯރަމް ހުޅުއްވައިދެއްވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ ޒުވާން އާބާދީގެ ނިސްބަތް މަދުވަމުން އަންނަ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތަނުގައި ގައުމުގެ ޒުވާނުންގެ އަދަދު މަދުވެގެންދާނެ ކަމަށެވެ. އެގޮތުން އާބާދީ އަށް އަންނަމުންދާ ބަދަލުތަކާއި ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކުރިއަށް އޮތް ގަރުނެއްހާ ދުވަސްތެރޭ ރާއްޖޭގެ އާބާދީގެ ނިސްބަތުން ޒުވާނުން ތަމްސީލު ކުރާ އާބާދީ ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"މި ރާއްޖޭގެ އާބާދީ މިވަގުތު މި އޮތް ގޮތުން، ޕޮޕިއިލޭޝަން ޕިރަމިޑް ދިރާސާކޮށްލާނަމަ ކުރިއަށް އޮތް 70، 80 ވަރަކަށް އަހަރުގެ ތެރޭގަ މިވަގުތު އާބާދީގެ ނިސްބަތުން ޒުވާނުން މިތިބަ މިންވަރާ އަޅާބަލާއިރު ކުރިއަށް އޮތްތަނުގަ ޒުވާނުން ނުތިބޭނެ. އާބާދީ އިތުރުވަމުން އަންނަ ގޮތާއި، އާބާދީއަށް އަންނަމުން މިދާ ބަދަލުތަކާއި މިވަގުތު ޒުވާނުންނާއި އެހެން އުމުރުފުރާތަކުގެ ތަމްސީލުވުން ދިރާސާކޮށްލާއިރުގަ އެއީ ވުން މުސްތަހިއްލު ކަމެއް ގޮތުގަ އަޅުގަނޑުމެން ދެކެނީ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ހިންގުމާއި، ޝަރުއީ ދާއިރާ އަދި ގާނޫނު ހަދާ މަޖިލީހުގައިވެސް ޒުވާނުންގެ ބައިވެރިވުން މިހާރު އިތުރުވަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ނޭނގި ނަމަވެސް ގޯސް މަގުން އުޅޭ ޒުވާނުންގެ އަދަދު އަދިވެސް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖަލަށް ގެންދާ ޒުވާނުންގެ އަދަދި މަދު ނުވެ، އިތުރުވަމުން އަންނަ ކަމަށާއި، ޖަލަށް ގޮސް އެތަނުން މިނިވަން ވުމުން އަނެއްކާ އަރައިގަންނަނީ ކުރިއަށްވުރެ ބޮޑު ކުށްތަކަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އަންތަރީސްވާ ވަރަށް ރާއްޖޭގެ ޖަލުތަކުގަ ޒުވާނުން އެބަތިބި. ޖަލުތަކަށް ވަދެ، ނުކުމެފަ ހަދާ ވަރަށް ބޮޑު އިންސައްތަ އަކީ ޒުވާނުން. އެކުދިން ޖަލަށް ވަދެފަ ނުކުމެގެން ދަނީ ރަނގަޅުވެގެންނެއް ނޫން. އެކުދިން ޖަލަށްވަދެފަ ނުކުމެގެން އަންނަނީ އަނެއްކާ އެއަށްވުރެ ބޮޑު ކުށަކަށް އަރައިގަންނަ މީހަކަށް ވެގެން ގިނަ ފަހަރު.،" ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ފެށި އެޕްރޮގްރާމަކީ ޒުވާނުން ހެޔޮ ގޮތުގައި ތަރައްގީކޮށް، ކުރިއަށް އޮތް ތަނުގައި ގައުމު ހިންގާނެ ގާބިލް ޒުވާނުން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ފެށި ފޯރަމަކީ ދެދުވަހުގެ މުއްދަތަށް އެ މިނިސްޓްރީއާ ގުޅިގެން ޔޫތް ލީޑާރސް ނެޓްވޯކް އިން އިސްނަގައިގެން ހިންގާ ޕްރޮގްރާމެކެވެ.