ޚަބަރު

"މީބަލަ ލޯބިކަން" ވަރަށް ހިތްގައިމު


‎އަންނަ ހޯމަދުވަހު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވެފައިވާ "ބަވަތި" ފިލްމުގެ ތިންވަނަ ލަވަ "މީބަލަ ލޯބިކަން" ރިލީޒް ކޮށްފިއެވެ.

ޔާމީން ރަޝީދުގެ ހިތްގައިމު އަޑުން އިވިގެންދާ މިލަވައިން ފެނިގެންދަނީ މެއިން ކާސްޓުން ކަމުގައިވާ ނުޒުހަތު ޝުޢައިބް (ނުޒޫ)އާއި އަޙްމަދު އިފްނާޒް ފިރާގެވެ. ‎އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ލިޔެފައިވަނީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަޙީދު އިއްލެއެވެ. އަދި މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ފިލްމުގެ ޕްރޮމޯޝަން ލަވައިގެ މިޔުޒިކްވެސް ތައްޔާރުކޮށްދީފައިވާ އިސްމާޢީލް ޢަދީލް (މިސްޓް)އެވެ.

ބަވަތި ފިލްމު އެޅުވުމަށް މިހާރުމިވަނީ ގާތްގަނޑަކަށް ދެދުވަހަށް ވެފައެވެ. ‎ފިލްމާދޭތެރޭ ޑައިރެކްޓަރާއި މުޅި ޓީމާއި ބެލުންރެތިންވެސް އަންނަނީ ގިނަ އުންމީދުތަކެއް ކުރަމުންކަން ޔަގީނެވެ. ‎ބަވަތި މިފިލްމަކީ ތަފާތު ފިލްމެއްކަމަށް ޔަގީން ކުރެވެނީ ޓްރެއިލަރތަކާއި ޓީޒަރތަކުގެ އިތުރުން ލަވަތައްވެސް ތަފާތުވީމައެވެ.

މީގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ބުނީ މިއީ މިއަހަރު ދިވެހި ސިނަމާތަކަށް އަންނާނެ އެންމެތަފާތު އެއް ފިލްމަށްވެގެންދާނެކަމަށާ، ފިލްމާމެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑުކަމަށެވެ. އަމިއްލަ ވާހަކައަކަށް ލިޔެ ތައްޔާރުކުރާ މިފިލްމުގައި ހިމަނާފައިވާނީ މުޅިންވެސް އަމިއްލަ ރާގުގެ ލަވަތައްކަމަށްވެސް އިލްޔާސް ބުނެފައިވެއެވެ.