ޚަބަރު

"ކޮލޮމްބޯ ޑިފެންސް ސެމިނަރ 2019" ގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގެންފި


"ކޮލޮމްބޯ ޑިފެންސް ސެމިނަރ 2019" ގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފިއެވެ. މި ސެމިނަރ އަކީ މިމަހުގެ 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު ކުރިއަށްގެންދާ ސެމިނަރއެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސްރީލަންކައަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު، ސްރީލަންކާގެ އާރމީގެ މައިމަރުކަޒަށް ޗީފް އޮފް ޑިފެންސް ފޯސް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.

ސްރީލަންކާގެ އާރމީގެ މައިމަރުކަޒުގައި ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރާއެކު، ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅެގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.