ޚަބަރު

މަސައްކަތް ހުއްޓިފައިއޮތް 5 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފި


މަސައްކަތް ހުއްޓިފައިއޮތް 5 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.

އެގޮތުން މ.މުލި، މ.ނާލާފުށި، ބ.ދަރަވަންދޫ، ށ.ފޭދޫ އަދި ށ.ޅައިމަގުގެ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ނިންމުމަށްވަނީ ޓްރިޕަލް 8 ކުންފުންޏާ ޙަވާލުކޮށްފައެވެ. މިކުންފުންޏާ ރަސްމީކޮށް މަސައްކަތް ޙަވާލުކުރީ ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފެވެ. އަދި ޓްރިޕަލް 8ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ފައިސަލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ މަހްލޫފް ވިދާޅުވީ މި 5 ރަށުގެ ޒުވާނުން ބޭނުންވާ ފެންވަރަށް ފުޓްސަލް ދަނޑުގެ މަސައްކަތް ވީއެންމެ އަވަހަށް ނިންމާލެވޭނެކަމަށް އުންމީދުކުރާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތް ފެށުމަށްފަހު އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓިފައިހުރި ވަރަށް ގިނަ ދަނޑުތައް އެބަހުރިކަމަށާއި އެ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ދަނޑުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މީގެ ކުރިން އަތޮޅުތެރޭގައި އަޅާފައިވާ ދަނޑުތަކުގެ ފެންވަރު ހުރީ ވަރަށް ދަށްކޮށްކަމަށާއި މި ސަރުކާރުން ބޭނުންވަނީ ޒުވާނުން އެދޭފަދަ ފެންވަރު ރަނގަޅު ދަނޑުތަކެއް އަޅައިދޭންކަމަށެވެ.

ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ޓްރިޕަލް 8ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ އެއްބަސްވުމުގައިވާގޮތަށް 45 ދުވަސްތެރޭ މަސައްކަތް ނިންމާލާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.