ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި ޤާއިމުކުރާ އިންސިނެރޭޝަން ފެސިލިޓީ އިމާރާތް ކުރުމަށް ހިއްކާފައިވާ ބިމުގެ ޖިއޯ ޓެކްނިކަލް ސަރވޭ ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުއްވީ ޕާމަނަންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި ރިޔަން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އިބްރާހީމް ހަމީޒެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑުން އީ.އެލް.އެސް ގްރޫޕާއި އެކު ކުރިއަށްގެންދާ މި ސަރވޭ އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި ސަރވޭގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 1.2 މިލިއަން ދިވެހި ރުފިޔާއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ސަރވޭއަކީ ކުނިމެނޭޖްކުރުމަށް ތިލަފުށީގައި ހިއްކާފައިވާ ބިމުގައި އެފަދަ އިމާރާތެއް އެޅުމަށް އެކަށީގެންވާ ފެންވަރު ހުރިތޯބެލުމަށް ކުރިއަށްގެންދާ ސަރވޭއެއްކަމަށެވެ. އެގޮތުން މި ސަރވޭގައި އެބިމުގައި ބޯހޯލް ތޮރޮފައިގެން ވެލިތަކުގެ ސާމްޕަލް ނަގައިގެން ތަހްލީލް ކުރުމާއި ތަހްލީލުތަކަށް ބިނާކޮށް ރިޕޯޓެއް އުކަލަވާލާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ތިލަފުށީގެ ފަޅުތެރެއިން 15 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ.
މާލެ ސަރަހައްދުގެ ކުނި ދެމެހެއްޓެނިވިގޮތެއްގައި މެނޭޖްކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމައްޓަކައި މި ބިމުގައި ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭނެ ފެސިލިޓިއެއް ޤާއިމްކުރުމަށް މިހާރު ޕްރޮކިއުމެންޓްގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ދައިމީ ހައްލެއް ހޯދުމަށްޓަކައި، ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫޢެއް މިހާރުދަނީ ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢުއަކީ އޭ.ޑީ.ބީގެ ހިލޭ އެހީއާއި އޭ.އައި.އައި.ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް) އަދި އައި.ޑީ.ބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރި ވުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.