ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ދިޔަމިގިއްޔަށް ވަޑައިގެންފި



ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ދިޔަމިގިއްޔަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާއިރު، ބަނދަރު ސަރަހައްދުވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެގޮތުން ދިޔަމިގިއްޔާއާއި، އެރަށުގެ ފަޅުތެރޭގައިވާ ރަށްތައް ކޯޒްވޭއަކުން ގުޅާލުމަށް އެރަށު ރައްޔިތުން އެދޭކަން ހާމަކޮށްދިނުމުގެ ގޮތުން ހަދާފައިވާ ޙާއްސަ ބިނާއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދިޔަމިގިލީގެ ކައުންސިލާއި ބައްދަލު ކުރައްވައި އެރަށަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ތައުލީމާއި ސިއްޙީ ނިޒާމާއި އަދި އެނޫންވެސް ރަށަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ކައުންސިލްގެ ފަރާތުން އެދުނު ކަންކަން ކަމާއި ގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވާދެއްވުމަށް މަސައްކަތްކުރައްވާކެމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެއަތޮޅު ބުރުންޏަށެވެ.