ގދ. ތިނަދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން އެރަށުގައި ހިންގާ އެކި ހަރަކާތްތަކަށާއި އިޖްތިމާއީ މަސައްކަތްތަކަށް ޚަރަދުވާނެ ކަމަށް ލަފާކޮށް އަންނަ އަހަރަށް 13.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
މި ބަޖެޓު އާންމުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި އެކައުންސިލުގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. އެ ބަޖެޓުގައި ހިމަނާފައިވަނީ ހަމައެކަނި ޚަރަދުވާނެ ކަމަށް ބެލެވޭ ޚަރަދުގެ އަންދާސީ ހިސާބެކެވެ. ކައުންސިލަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީ ހިމަނާފައެއް ނުވެއެވެ.
ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު މައިގަނޑު 10 ދާއިރާއަކަށް ބަހާލައިގެން ޚަރަދު ކުރުމަށް ވަނީ ހިމަނާފައެވެ.
މި ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ބަޖެޓުކުރެވިފައިވަނީ އިދާރީ ހިންގުމަށެވެ. އިދާރީ ހިންގުމަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ދެން އެންމެ ބޮޑު ޚަރަދު ދާނެ ކަމަށް ލަފާކޮށްފައިވަނީ ކުނި ނެތް ސާފު ވެއްޓެއް ބިނާ ކުރުމަށެވެ. އެއީ ތިނަދޫ ކުނިކޮށި ތަރައްގީ ކުރުމުގެ މަޝްރޫއެވެ. އެ މަޝްރޫއަށް ކައުންސިލުގެ ބަޖެޓުގައި 2.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓުގައި ތިނަދޫ ކައުންސިލަށް ކަނޑައަޅާފައިވަނީ 4.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކައުންސިލުން މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުން ކަނޑައަޅުއްވާ ބަޖެޓުގައި ކައުންސިލުގެ ހުރިހާ ޒަރޫރީ ބޭނުންތައް ނުފުއްދޭ ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަމަށް ކައުންސިލަށް ލިބޭ އާމްދަނީން ޚަރަދު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވެސް ޚަރަދު ބިނާކޮށްފައިވަނީ ކައުންސިލުގެ އާމްދަނީގެ މައްޗަށް ބިނާކޮށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.