ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފި


ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ އެލަރޓް ނެރެފިއެވެ.

އެ އިދާރާއިން ވިދާޅުވީ މިއަދު ހެނދުނު 6:10 އިން ފެށިގެން 10:30 އާ ހަމައަށް ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ، ގއ.އަތޮޅާއި، ގދ.އަތޮޅު އަދި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެއަތޮޅުތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވާފައިވެއެވެ.

މީގެ އިތުރުން ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ދެމެދުގެ ރަށްތަކަށް 45 މޭލަށް ވައިގަދަވެ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް އެއިދާރާއިންވަނީ އެއަތޮޅުތަކަށް ހުދު އެލާޓްވެސް ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރޭ 20:00އިން ފެށިގެން މިރޭ 20:00އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތްމޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވާފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.