ޚަބަރު

ދިގު ދެމިގެންދާ ވާދަވެރި ވޮލީ ލީގެއް ބޭނުންވޭ: މުންތަ


ވާދަވެރިކަމާއިއެކު، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ވޮލީބޯޅަ ލީގެއް ނެތި ޤައުމީ ވޮލީބޯޅަ ޓީމަށް ރަން މެޑައްޔެއް ހޯދަން އުދަނގޫވާނެކަމަށް ތަޖުރިބާކާރު ވޮލީބޯޅަ ކޯޗު މުމްތާޒް ޢަލީ (މުންތަ) ބުނެފިއެވެ.

ނޭޕާލްގައި ނިމިދިޔަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓަރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމު ދިޔައީ ރަން މެޑަލް ހޯދުމުގެ އުއްމީދުގައެވެ. ނަމަވެސް ދިވެހި ޓީމު ކުޅުނު 4 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި ރާއްޖެއަށް ލިބުނީ 7 ޓީމު ވާދަކުރި މުބާރާތުގެ 4ވަނައެވެ.

މުންތަ ބުނީ ރާއްޖޭގެ ވޮލީބޯޅަ ޓީމުން ހޯދި ދަށް ނަތީޖާގެ ޒިންމާ ވަރަށް ގިނަ ފަރާތްތަކުން އުފުލަންޖެހޭކަމަށެވެ. އަދި މިއީ ހަމައެކަނި ކޯޗު އުފުލަން ޖެހޭ ޒިންމާއެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މުބާރާތް ނިންމާލުމަށްފަހު، ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނީ މެޗުން މޮޅުވުމުގެ ރޫހެއް ކުޅުންތެރިންގެ ކިބާގައި ނެތްކަމަށެވެ. ޓީމުގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން، ދިވެހި ސިފައިންގެ ކުލަބަށް ގިނަ ދުވަސްތަކެއްވަންދެން އިރުޝާދުދީފައިވާ މުންތަ ބުނީ ރާއްޖޭގެ އެޓޭކް ވަރަށް ވަރުގަދަކަމަށާއި މައްސަލަ ޖެހެނީ ޑިފެންސާއި ސާވިސްއާއި ބުލޮކާއި ހިސާބުންކަމަށެވެ.

ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން، މުންތަ ބުނީ ވާދަވެރިކަމާއިއެކު، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ވޮލީބޯޅަ ލީގެއް ރާއްޖެއަށް މުހިއްމުކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ މެޗުތަކެއް ކުޅެން ލިބި، ޓީމުތަކާއި ކުޅުންތެރިންގެ މެދުގައި ވާދަވަރިކަންވެސް އިތުރުވާނެކަމަށް އޭނާ ބުންޏެވެ. އަދި ޤައުމީ ޓީމު ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއްވަންދެން ފަރިތަކުރުންތައް ބޭއްވިނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނުލިބޭނެކަމަށް އޭނާ ބުންޏެވެ.

އަދި ޓީމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ސެންޓްރަލް ޒޯނުގައި ރާއްޖެއިން ދަށް ނަތީޖާއެއް ނެރުނު ސަބަބު ދިރާސާކުރުން މުހިއްމުކަމަށްވެސް އޭނާ ބުންޏެވެ.