ޚަބަރު

ތިނަދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް އެ ކައުންސިލުން ނިންމައިފި


ގދ. ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދުގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމައި، ކައުންސިލްގެ ރައީސްގެ މަޤާމުން އޭނާ ދުރުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުގައި 5 މެމްބަރުން ހިމެނޭ އިރު، މިއަދު ބޭއްވި އެކައުންސިލުގެ ބައްދަލުވުމުގައި އަސްއަދުގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމާފައިވަނީ އޭނާގެ ހާޒިރުގައިި، ބާކީ ތިބި 4 މެމްބަރުންގެ ވޯޓުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު އަމްޖަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކީ ކަންކަން ރަނގަޅުކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ނަގާފައިވާ ވޯޓެކެވެ.

އަމްޖަދު ވިދާޅުވީ ތިނަދޫ ކައުންސިލުގެ ރައީސް އަސްއަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިލުގައި ނެގި ވޯޓާ ގުޅޭ ލިޔެކިއުންތައް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ފޮނުވާނެ ކަމަށާއި، އޭނާ ކައުންސިލްގެ ރައީސްގެ މަޤާމުން ދުރުކުރުމާމެދު ގޮތެއް ނިންމާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި މަގާމުން ވަކި ކުރަންދެން އޭނާ ހުންނާނީ ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ކަމަށާއި، އެލްޖީއޭއިން އޭނާ ވަކި ކުރަން ނިންމައިފިނަމަ އަސްއަދު ވާނީ ކައުންސިލުގެ އާންމު މެމްބަރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުން ވެސް ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ.