ވިޔަފާރި

އެޓްމޮސްފިއާ ހޮޓެލްސްއިން ރާއްޖޭގައި އިތުރު ރިސޯޓްތަކެއް ތަރައްޤީކުރަނީ


އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފިއެވެ.

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި އަލަށް އިތުރު 3 ރިސޯޓް ހުޅުވާއިރު، ސްރީލަންކާގައިވެސް 2 ރިސޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

"އޮބްލޫ"ގެ ނަމުގައި މި ކުންފުނިން ރާއްޖޭގައި މިހާރުވެސް އަންނަނީ ރިސޯޓު ހިންގަމުންނެވެ. ނަމަވެސް މިއީ އެ ކުންފުނިން ސްރީލަންކާގައި ރިސޯޓް ތަރައްޤީކުރާ ފުރަތަމަ ފަހަރެވެ.

މި ކުންފުނިން ރާއްޖޭގައި ހުޅުވާ 3 ރިސޯޓުގެ ތެރޭގައި ހިމެނެނީ "އޮބްލޫ އެކްސް" އާއި "އޮބްލޫ" ގެ އިތުރުން "ވަރު ބައި އެޓްމޮސްފިއާ ރިސޯޓް" އެވެ. މާލެ އަތޮޅުގައި ހުޅުވާ "ވަރު ބައި އެޓްމޮސްފިއާ ރިސޯޓް" އޮކްޓޫބަރު މަހު ހުޅުވާނެއެވެ. ނަމަވެސް އަނެއް 2 ރިސޯޓް ހުޅުވާނީ އަންނަ އަހަރުކަމަށް އެ ކުންފުނިން ބުނެއެވެ. މާލެ އަތޮޅުގައި ތަރައްޤީކުރާ "އޮބްލޫ އެކްސް" ރިސޯޓްގައި 350 ކޮޓަރި ހުރެ އެވެ. އަދި ބ. އަތޮޅުގައި ހުޅުވާ "އޮބްލޫ" ގައި 220 ކޮޓަރި ހުރެ އެވެ.

ސްރީލަންކާގައި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްޤީކުރާ 2 ރިސޯޓްވެސް ހުޅުވުވާނީ 2021 ވަނަ އަހަރުއެވެ. މީގެތެރެއިން " އޮޒެން ބައި އެޓްމޮސްފިއަރ އެޓް ޓެންގަލް" ގައި 37 ކޮޓަރި ހުންނާނެއެވެ. އަދި "އޮބްލޫ ސެލެކްޓް އެޓް ޓެންގަލް" ގައި 118 ކޮޓަރި ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.