ޚަބަރު

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް: ސިފަ އެއްގޮތް ކަމަށް ބުނި ފުލުސް އޮފިސަރާ ގިނަ ސުވާލުތަކެއް


ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ވީޑިއޯ ފުޓޭޖް ފޮޓޯ އެނަލިސިސް ކުރި ފުލުސް އޮފިސަރާއި ދިފާއުން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޔާމިންގެ މަރުގެ މައްސަލައިގެ ޝަރީއަތައް މިއަދު ހާޒިރުކުރި ފުލުސް އޮފިސަރ އާދަމް މުޙައްމަދަކީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްގައި ފެންނަ މީހުންގެ ތެރެއިން ފަސް މީހަކީ އެ ދައުވާ ލިބޭ ފަސް މީހުންކަން ސާބިތުކުރުމަށް ހުށަހެޅި ހެއްކެވެ.

ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްގެ ފޮޓޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރި އެ ފުލުސް އޮފިސަރާއި އެންމެ ގިނަ ސުވާލު ކުރިމަތިކުރުވީ ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫނު ހަމީދެވެ. ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖުގައި ފެންނަ އެކަކާއި ދައުވާ ލިބޭ އިސްމާޢީލް ރަޝީދުއާ އެއްގޮތް ތިން ސިފައެއް ފާހަގަ ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއާއެކު މައުމޫން ހަމީދު ވަނީ ފޮޓޯ އާއި ވީޑިއޯގައި ފެންނަ މީހާއާއި އިސްމާއިލް ރަޝީދާ އެއްގޮތް ސިފަތައް ހުރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އިޖްރާއަތްތަކާއި އަދި ބޭނުންކުރި ސޮފްޓްވެއާ ބެހޭ ގޮތުން ސުވާލުތައް ކުރިމަތިކުރުވާފައެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ދެމުން ފުލުސް އޮފިސަރު ވަނީ ޝަރީއަތައް ހުށައަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމްގައި އެއްބައި މަދު ކަމަށް ވެސް ބުނެފައެވެ. އަދި އޭނާއާ ވީޑިއޯ އެނަލިސް ކުރުމަށް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހަވާލު ކުރި ކަމަށް ބުނެ ރިޕޯޓްގައިވާ ތާރީޚުގެ ކުރިން އޭނާއާ އެ ވީޑިއޯތައް ކޮންމެ ވެސް އެހެން ކަމެއްގައި ހަވާލުކޮށްފައިވާކަންވެސް ފުލުސް އޮފިސަރުގެ ހެކިބަހުން ވަނީ އެނގިފައެވެ.

އެމީހާއާ އެއްގޮތް ސިފަތައް ހޯދުމަށް ބޭނުންކުރި ސޮފްޓްވެއާ ގުޅޭގޮތުން މައުމޫން ހަމީދު ޕޮލިސް އޮފިސަރާ ސުވާލުކުރިނަމަވެސް އޭނާއަށް ސީދާ އެ ސުވާލުތަކަށް ޖަވާބު ނުދެވުނުއިރު އޭނާ ވަނީ އެ ސޮފްޓްވެއާ ބޭނުންކޮށްގެން ބެލި ބެލުންތަކާއި މަސައްކަތްކުރި ގެންދިޔަ ގޮތް ބަޔާންކުރާ ވޯކިންލޮގް އެނަލިސިސް ރިޕޯޓާއެކު ހުށަނާޅާ ކަމަށްބުނެފައެވެ. ނަމަވެސް ހަޤީޤީ ތަޙްޤީޤު ރިޕޯޓަކަށް ވާނީ އެ ނޫންތޯއާއި ޕީޖީއަށް އެ ހުށަނޭޅުއްވީ ކީއްވެތޯ ތަކުރާރުކޮށް މައުމޫނު ކުރެއްވި ސުވާލުތަކަށް ފުލުސް މީހާ ބުނަމުންދިޔައީ ހުށައަޅާފަވަނީ އޭނާއަށް ނިންމުނު ގޮތް ކަމަށެވެ.

ދައުލަތުން ޝަރީއަތައް ހުށައެޅި 6 ރިޕޯޓް ވެސް ތައްޔާރުކުރި މީހަކީ އެ ފުލުސް މީހާ ކަމަށް ވާތީ އެ ހުރިހާ ރިޕޯޓަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ދެ ފަރާތައް ވެސް ފުރުޞަތު އެރުވުމަށް ޝަރީއަތުން ނިންމެވިއެވެ. ނަމަވެސް މިއަޑުއެހުން 4 ގަޑިއިރެއްހާއިރަށް ދިގުލައިގެން ދިއުމުން ޝަރީއަތުން ނިންމީ ދެން އޮންނަ އަޑުއެހުމަކަށް އޭނާ އަލުން ހާޒިރުކޮށް ދެން ހުރި ރިޕޯޓްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފުރުޞަތު ދިނުމަށެވެ.

އެ ފުލުސް މީހާ ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުއާ ވީޑިއޯއިން ފެންނަ އެކަކާ އެއްގޮތް ސިފަ ހުރިކަން ފާހަގަ ކުރެވުނު ކަމަށް ބުނެވެސް ހެކިބަސް ދީފައެވެ. އެގޮތުން ދައުވާ ލިބޭ ހައިޝަމްއާއި ފުލުހުން ހޯދި ވީޑިއޯ ފޫޓޭޖްގައިވާ މީހާ އާ އެއްގޮތް 5 ސިފަ ހުރި ކަމަށް ބުނެފައެވެ. އޭގެ އޭގެ ތެރޭގައި ހަށިގަނޑުގެ ބައްޓަމާއި ރޫފަ، މަތިމަސް އަދި ނޭފަތުގެ ބައްޓަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން މ. އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާއީލްއާ ވީޑިއޯ ފޫޓޭޖް އިން ފެންނަ މީހަކާ އެއްގޮތް 3 ސިފައެއް ފާހަގަ ކުރެވުނު ކަމަށް ބުނެފައެވެ.

އެ ދެ މީހުންގެ ވަކީލު ވެސް ވަނީ ހެކިވެރިޔާގެ އެ ޖަވާބުތަކާއެކު ސުވާލުތައް ކުރިމަތިކުރުވާފައެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އެކަކު ދުއްވި ސައިކަލްގެ ސިފަތައް ބުނެދިނުމަށް ހެއްކެތް ގޮތުގައި އެހެން ފުލުހަކުވެސް ކޯޓަށް ހާޒިރުކުރިއެވެ. އިހްސާން މުޙައްމަދު ނަމަކަށް ކިޔާ އެ ފުލުސް އޮފިސަރުގެ ހެކިބަހުގައި ޔާމިން ރަޝީދުގެ މަރުގެރ މައްސަލައާ ގުޅިގެން ރަތްކުލައިގެ ސައިކަލެއް ޕޮލިސް ޓޯޔާޑަށް ގެންދެވުނު ކަމަށްބުނެފައިވެއެވެ. ދައުލަތުން ފުލުސް މިހާ ހާޒިރުކޮށް އެ ހެކިބަސް ނެގުމުގެ ބޭނުމަކީ ދައުވާލިބޭ މުޙައްމަދު ދިފްރާން އެރޭ އެ ސައިކަލް ދުއްވިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދިފްރާންގެ ވަކީލް ވަނީ ދިފްރާން އެއްވެސް ސައިކަލެއްގައި އުޅުނު ކަމަށް ދައުވާގެ އެއްވެސް ހިސާބެއްގައި ބުނެފައިނުވާ ކަން ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ދެން އަޑު އެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.