ޚަބަރު

އިތުރު 4 މުޢާހަދާއެއްގައި ސޮއި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވައިފި


ދިވެހިރާއްޖެއިން އިތުރު 4 މުޢާހަދާއެއްގައި ސޮއި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ސޮއި ކުރުމަށް ނިންމެވި 4 މުޢާހަދާއަކީ "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" އާބެހޭ މުޢާހަދާއާއި، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް ޕްރޮސީޖަރ" އާބެހޭ މުޢާހަދާއާއި، "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" އާބެހޭ މުޢާހަދާއާއި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރިސީޖަރ (އޯ.ޕީ.ސީ.އާރ.ސީ)" އާބެހޭ މުޢާހަދާއެވެ. މި 4 މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެ 4 މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ދެއްވާފައިވާތީއެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" މުޢާހަދާއާ ބެހޭގޮތުން ކުރެވުނު މަޝްވަރާގައި، ކެބިނެޓުން ވަނީ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ސުލްހަޔަށް ބައިނަލްއަޤުވާމީ ފޯރަމްތަކުގައި އަޑުއުފުލާ ޤައުމެއްކަން ފާހަގަ ކުރައްވައި، ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުޢާހަދާ ފާސްކުރުމަށް ނެރުނު ޤަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް މަދަނީ ހަމަޖެހުމާއި ސަރަހައްދީ ގުޅުންތަކަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާއިރު، ކޮންވެންޝަނަލް ހަތިޔާރުގެ މުއާމަލާތްތައް މޮނީޓަރ ކުރެވޭނެ ބައިނަލްއަޤުވާމީ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުން ވަނީ ފާހަގަ ކުރައްވާފައެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް" މުޢާހަދާއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި ވަޒީރުން ވަނީ ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުޢާހަދާ ޕްރޮމޯޓް ކުރުމަށް ފާސްކޮށްފައިވާ ޤަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސޫރިޔާގައި ކްލަސްޓަރ މިއުނިޝަންސް ބޭނުންކުރުން ކުށްވެރިކޮށް އ.ދ. ގެ އާންމު މަޖިލީހާއި، ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެއިން ތާއީދުކޮށް، މިއަހަރުގެ މާރޗް މަހު ހިއުމަންރައިޓްސް ކައުންސިލަށް ހުށަހެޅުނު ޤަރާރު ދިވެހި ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާކަންވެސް ވަޒީރުން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ ކްލަސްޓަރ މިއުނިޝަންސް ނެތް ޤައުމަކަށް ވެފައި، ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަން ގެ ކަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި އަބަދުވެސް ތާއީދުކުރަމުންދާ ޤައުމަކަށްވެފައި ދިވެހިރާއްޖެއަކީ ނޮން-ޕްރޮލިފަރޭޝަން ޓްރިޓީ ގެ މެންބަރު ޤައުމަކަށް ވާތީ މި މުޢާހަދާގައި ސޮއިކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

"ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ބެހޭ ގޮތުން ވަޒީރުން ދެއްކެވި ވާހަކަފުޅުގައި ވަނީ މިދަފަ މުޢާހަދާއެއް އޮތުމަކީ މުޅި އިންސާނިއްޔަތުގެ ލާބަޔާ މަންފާއާ ގުޅުންހުރި ކަމެއްކަމަށްވާތީ، ރާއްޖެ އަކީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކަށް ވެފައި ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަންގެ ކަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ތާއީދުކުރަމުންދާތީ މި މުޢާހަދާގައި ސޮއިކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖަރ (އޯ.ޕީ.ސީ.އާރު.ސީ)" މުޢާހަދާއާ ބެހޭގޮތުން ވަޒީރުން ކުރެއްވި މަޝްވަރާގައި ވަނީ ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމަކަށްވެފައި ރާއްޖެއަކީ ސީ.އާރު.ސީ ގެ މެމްބަރު ޤައުމަކަށް ވާތީ އެ މުޢާހަދާއަށް ޢަމަލުކުރެވެން އަންނަނީ މި ޕްރޮޓޮކޯލް ތަސްދީޤު ކޮށްގެން ކަމުގައި ވާތީ، މި މުޢާހަދާގައި ސޮއި ކުރެއްވުމަކީ ބޭނުންތެރިކަމެއްކަމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.