ޚަބަރު

ޓަގު ބޯޓުގައި ފިއްލެވި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކޮށްފި


ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ވަޑައިގެންނެވި މައްސަލާގައި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުއްވައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އަދީބު ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާ، ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާފައިވާކަމަށެވެ. އަދީބު ފިއްލަވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އެ ޓަގު ބޯޓު ދުއްވި ކެޕްޓަނަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތްވަނީ ހަދާފައެވެ. އަދީބު ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ.

މި އުޅަނދަކީ ޖުލައި 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އަދީބު ފިއްލެވި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލައަކީ މާބިންހުރާގެ މައްސަލައެވެ. ދެން ހުރި މައްސަލަތައް ސުޕްރީމް ކޯޓުގެ މަރުހަލާގައިވަނީ ބާޠިލުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައްވެސްވަނީ ޕީޖީ އޮފީހުން އަނބުރާ ގެންދަވާފައެވެ.