ޚަބަރު

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އޮކްޓޫބަރުމަހު


ރާއްޖޭގައި ބާއްވާ 15 ވަނަ ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އަންނަ އޮކްޓޯބަރުމަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.

މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. މިއަހަރުގެ އެގްޒިބިޝަންގައި 250 ކުންފުންނަކުން 2000 އަށްވުރެ ގިނަ ބްރޭންޑް ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ފެއަރގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ހޮސްޕިޓާލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ބަދަހި ގުޅުމެއް އުފެއްދުންކަމަށް ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސަސްއިން ބުނެއެވެ.

މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްގެ ވެބްސައިޓުން މި ފެއަރގައި ބައިވެރިވެވެނޭކަމަށް އެކުންފުނިން ބުނެއެވެ.

15 އަހަރުގެ ދިގު ތާރީޚެއް އޮތް މި އެގްޒިބިޝަނަކީ ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ އަދި ބެސްޓްބައި މޯލްޑިވްސްއިން އެންޑޯޒް ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.