ޚަބަރު

ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ނަންތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ދިރިއުޅުމަށް ހދ. ކުރިނބީ އިން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަފްޞީލް އާންމުކޮށް، މިކަމާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެރަށުން 32 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެ ކައުންސިލުން ބުނީ ހދ. ކުރިނބީގައި ދިރިއުޅުމަށްޓަކައި، ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތިލިބޭ މީހުންގެ ލިސްޓަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރ މަހުގެ 15 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.

މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ތަކަކީ އެރަށު ދޮންޢީސާ ހިނގުމުގެ ދެކުނުންނާއި، އިރުވައި ހިނގުމުގެ އިރުންނާއި ރަށްދެބައި މަގުގެ އިރުން ފެސްކޯގެ އުތުރުންނެވެ.

ކައުންސިލުން ބުނީ ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތެއްގެ ޙާލަތު ބަދަލުވެއްޖެ ނަމަ އަދި ގޯތި، ބޭނުން ނުވާނަމަ މުއްދަތު ހަމަ ވުމުގެ ކުރިން އެކަން ކައުންސިލްއަށް އަންގައިދިނުމަށް އެދޭކަމަށެވެ.

ކުރިނބީ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 59 ފަރާތަކުންވަނީ ގޯއްޗަށްއެދި ފޯމް ހުށަހަޅާފައެވެ.