ސިޔާސީ

ކޮރަޕްޝަން ނައްތާލުމަށް އެކައުންޓިންގ އަދި އޮޑިޓަރުންގެ ދައުރު މުހިންމު - ނާޝިޒް


ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީ ވަރަށް މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ކޮންމެއަހަރަކު ބާއްވަމުންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ މިއަހަރުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ބެލި އޮޑިޓް ރިޕޯޓުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ނާޝިޒް ވިދާޅުވީ، ކުންފުނިތަކުން ކޮލިފައިޑް އެކައުންޓެންޓުންނާއި މާލީ ފަންނުވެރިން ހޯދައި ކުންފުނިތަކުގެ ގަވަރނަންސްއާއި އިންޓާނަލް ކޮންޓްރޯލް ސިސްޓަމް ވަރުގަދަ ކުރަން ޖެހޭކަމަށެވެ. ނާޝިޒް ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްފައިވަނީ އިންސާފުވެރިކަމާއި އަމާނާތްތެރިކަމާއެކުކަން ޔަޤީން ކުރުމަށް އޮޑިޓަރުންނާއި އެކައުންޓެންޓުން އެމީހުންގެ ފަންނީ ޒިންމާ، ވަގުތުންވަގުތަށް އަދާ ކުރުމަށް އެދިވަޑައިގެންފައެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިގެ ވާހަކަފުޅުގައި ޕްރޮފެޝަނަލް އެކައުންޓެންސީ އޮގަނައިޒޭޝަންގެ ބިލަށް އިސްކަން ދެއްވައި އެބިލް ވީހާވެސް އަވަހަށް ފާސްކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އޮޑިޓިންގ އަދި އެކައުންޓިންގ ޕްރޮފެޝަން ތަރައްޤީކޮށް ކުރިއެރުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަށް ތަޢުރީފު ކުރައްވާ، ނާޝިޒް ވިދާޅުވީ މި މަސައްކަތުގައި ޕަބްލިކް އެކައުންޓްސް ކޮމިޓީން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން އިސްކަން ދެއްވައިގެން ކުރާ މަސައްކަތުގައި އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެހީތެރިކަން ނުހަނު މުހިންމުކަމަށް ނާޝިޒް ވިދާޅުވެފައިވާއިރު، ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް މުއައްސަސާތައް ޙާޒިރުކޮށް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.