ވިޔަފާރި

މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާގެ ޓޫރިޒަމް މިނިސްޓަރ މުހައްމައްދީން ކެޓާޕީއާ ބައްދަލުކުރައްވައިފިއެވެ.

މެލޭޝިޔާގެ ޓޫރިޒަމް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި 2 ޤައުމު ގުޅިގެން 2 ޤައުމަށް ފައިދާވާނެފަދަ ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅަކީ މެލޭޝިއާގައި ކުރިއަށްދާ "ވޯލްޑް ޓޫރިޒަމް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި "ފިއުޗަރ އޮފް ޓޫރިޒަމް ނިއު ސޯސަސް އޮފް ގްރޯތް" މި މައުޞޫއަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ރާއްޖޭގެ ފަތުރުވެރިކުގެ ކުރިމަގު އައު މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި މިކަން ހާސިލްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި ކަލްޗުރަލް ޓޫރިޒަމް ތަރައްޤީކޮށް ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުޅައި، މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީގެ ދަޢުވަތަކަށް، އެޔުނިވާސިޓީގެ ރައީސްއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި ލީމްކޮކްވިންގ ޔުނިވާސިޓީއިން ފުރުޞަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

5ވަނަ "ވޯލްޑް ޓޫރިޒަމް ކޮންފަރެންސް"ގައި ޓުއަރިޒަމް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ ދުނިޔޭގެ ފަތުރުވެރިކަމާއިބެހޭ ޖަމިއްޔާ ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ދެއްވި ދައުވަތެއްގައެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 26 އިން 28 ގެ ނިޔަލަށެވެ.