ޚަބަރު

ކައުންސިލަރުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް ނިންމައި ލާމަރުކަޒީ ނިޒާމާ ގުޅޭ މަހާސިންތާ ނިންމާލައިފި


ދެކުނުގެ 5 އަތޮޅަކަށް އަމާޒް ކޮށް އައްޑޫސިޓީ ގަމުގެ އިކުއޭޓަރ ވިލެޖުގައި ބޭއްވި މިމަހާސިންތާ ނިންމާލީ ކައުންސިލަރުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް ފެހިސިގްނަލް ދެމުންނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިސްނަގައިގެން ބޭއްވި މިމަހާސިންތާގައި ލ އަތޮޅުން ފެށިގެން ދެކުނު ސަރަހައްދަށް ނިސްބަތްވާ ކައުންސިލް ތަކުން ވަނީ ބައިވެރިވެފައެވެ. މިމަހާސިންތާގައި 62 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.

މަހާސިންތާ އަށް ފަހު ޕީއެސްއެމްނިއުސް އށް އަށް މައުލޫމާތު ދެމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކެސީ މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ، މަހާސިންތާގެ އެންމެ ބޮޑު ކާމިޔާބީއަކީ ކައުންސިލަރުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް ނިންމި ނިންމުން ކަމުގައެވެ. މިމަހާސިންތާގައި ލާމަރުކަޒީ ނިޒާމުގައި މިހާރު ކައުންސިލްތަކަށް ދިމާވެފައިވާ ދަތި ތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ސަރުކާރުގެ ބައިވެރިވުމާއި މިނިޒާމުގައި ކައުންސިލްތަކުން ކުރިއަށް ކުރަންޖެހޭ ކަންކަމާއި ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކާއި، ކައުންސިލުތައް އެކުވެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އައިމަން ވިދާޅުވީ މަހާސިންތާގެ އެންމެ ބޮޑު ކާމިޔާބަީ އަކީ ކައުންސިލަރުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް ނިންމި ނިންމުން ކަމުގައެވެ.

ކައުންސިލަރުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް ހުށަހެޅުއްވި ގ.އ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ މީގެ ކުރީން ސަރުކާރުން ފިއްތުންތަށް ކުރިމަތިވި އިރު ރައްޔިތުންގެ ހައްޤުގައި އަޑު އުފުލާނެ ބަޔަކު ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް ބައްދަލުވުމަކަށް މިކަން އެޖެންޑާކޮށް، ރާއްޖޭގެ ހުރިހާ ކައުންސިލަކާއި މިކަން ހިއްޞާ ކުރާނެ ކަމަށެވެ.

ދެކުނު ސަރަހައްދުގެ ކައުންސިލްތަކަށް އަމާޒު ކޮށްގެން މިމަހުގެ 25 އަދި 26 އަށް މިމަހާސިންތާ ކުރިއަށް ގެންދިޔަ މިބައްދަލު ވުމަކީ ސަރަހައްދީ ފެންވަރުގައި ބޭއްވި މިފަދަ ފުރަތަމަ މަހާސިންތާއެވެ. ޓްރާންސްޕޭރެންސީ ބުނެފައިވަނީ މިފަދަ މަހާސިންތާއެއް ބޭއްވީ ސަރަޙައްދީ ފެންވަރުގައި ލާމަރުކަޒީ ނިޒާމުގައި ވާހަކަ ދެކެވި މަޝްވަރާތަކެއް ކުރުން ކަމަށެވެ. އެހެންނަމަވެސް އެޖަމީއްޔާއިން ވަނީ މިދިޔަ އަހަރު ޤައުމީ ފެންވަރުގެ މިފަދަ މަހާސިންތާ އެއް ބާއްވާފައެވެ.