ތިމާވެށި

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ސިސްޓަމް ރާއްޖޭގައި


ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ސިސްޓަމް ރާއްޖޭގެ ރިސޯޓެއްގައި ޤާއިމުކޮށްފިއެވެ.

މި ސިސްޓަމް އިންސްޓޯލްކޮށްފައިވަނީ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ލަކްސް ސައުތް އަރި އެޓޯލް ރިސޯޓުގައެވެ. މިއީ ތިމާވެއްޓާ ރައްޓެހިގޮތަކަށް އިއާދަކުރަނިވި ހަކަތައިގެ ކަންކަން ޕްރޮމޯޓް ކުރުމަށްޓަކާ ކުރެވުނު މަސައްކަތެއްކަމަށް ލަކްސް ސައުތް އަރި އެޓޯލުން ބުނެއެވެ. އެ ރިސޯޓުން ދަނީ ކަރަންޓް އުފެއްދުމަށްޓަކާ ތެޔޮ އަންދައިގެން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް ޙާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތް އެ ރިސޯޓުންކޮށްފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އެއް ކުންފުނިކަމަށްވާ "ސްވިމްސޯލް"ގެ އެހީތެރިކަމާއެކުއެވެ.

ސްވިމްސޯލްގެ އެހީތެރިކަމާއެކު ލަކްސް ސައުތް އަރި އެޓޯލް ރިސޯޓުގައި މިހާރުވެސް ރޫފްޓޮޕް ސޯލަރ ޕެނަލް ސިސްޓަމްތަކެއް އިންސްޓޯލްކޮށްފައިވެއެވެ. އަދި އެ ރިސޯޓުގެ ފަޅުތެރޭގައި އިންސްޓޯލްކޮށްފައިވާ 12 ސޯލަރ-ސީ ޕްލެޓްފޯމާއެކު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް 40 އިންސައްތަ އިތުރުވެ، ދުވާލު ގަޑީގައި 678 ކިލޮވޮޓްގެ ކަރަންޓް އުފެއްދުމުގެ ޤާބިލުކަން މިހާރު ލިބިފައިވާކަމަށްވެސް އެ ރިސޯޓުން ބުނެއެވެ. މިއާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ އެއް ރަށަށް ލަކްސް ސައުތް އަރި އެޓޯލް ވަނީ ވެފައެވެ.

އަލަށް އިންސްޓޯލްކުރެވުނު ފްލޯޓިންގ ސޯލަރ ސިސްޓަމާއެކު އެ ރިސޯޓުގެ ހުރިހާ ގެސްޓްވިލާއަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓް ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންކަމަށް ލަކްސް ސައުތް އަރި އެޓޯލުން ބުނެފައިވެއެވެ. އަދި މިއާއެކު އަހަރެއްގެ މައްޗަށް 260،000 ލީޓަރުގެ ޑީސެލް ސަލާމަތްކުރެވިގެންދާނެކަމަށްވެސް އެ ރިސޯޓުން މަޢުލޫމާތުދެއެވެ. މި ފްލޯޓިންގ ސޯލަރ ސިސްޓަމްތައް އިންސްޓޯލްކޮށްފައިވަނީ ކަނޑުގެ ދިރުންތަކާއި ފަރަށް ގެއްލުންނުވާނެހެން ބަލައިގެން ކަމަށާއި، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކަށްވެސް ބަލައިގެންކަމަށް ލަކްސް ސައުތް އަރި އެޓޯލުން ބުނެއެވެ.

ލަކްސް ސައުތް އަރި އެޓޯލުން ވަނީ އެރިސޯޓުގެ ވިލާތަކުގައި ބަހައްޓާފައިވާ އައި.ޕީ.ޓީ.ވީތައް މެދުވެރިކޮށް، އެ ރިސޯޓުން އުފައްދާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތާއި ޑީސެލް ސަލާމަތްކުރެވޭ މިންވަރު ބަލާލެވޭނެހެން ލައިވް ސޯލަރ ޓްރެކަރވެސް ހަރުކޮށްފައެވެ.

193 ޕްރައިވެޓް ވިލާއާއެކު ތަރައްޤީކޮށްފައިވާ ފަސް ތަރީގެ ލަކްސް ސައުތް އަރި އެޓޯލް ރިސޯޓަކީ ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުންދާ އެންމެ ބޮޑު އެއް ރިސޯޓެވެ.