ސިޔާސީ

މަޖިލީހުގެ ޖަލްސާގައި ތެދުބަހުން ވާހަކަދެއްކުން ލާޒިމްކުރަން ހުށައެޅި އިޞްލާޙު ބޭރުކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތެދުބަހުން ވާހަކަދެން ލާޒިމްކުރުމަށް މަޖިލީހުގެ ޤަވާއިދަށް ހުށައެޅި އިޞްލާހު ފާސްނުކޮށް ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިޞްލާޙުކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ޤަވާއިދު އިޞްލާޙުކޮށް ތަޅުމަށް ފޮނުވި ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ތަޅުމުންވެސް ވަނީ ގިނަ އިޞްލާޙުތަކެއް ގެނައުމަށް ހުށައަޅުއްވާފައެވެ. އެގޮތުން 52 އިޞްލާޙު ގެނައުމަށް މަޖިލީހުގެ ތަޅުމުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 4 އިޞްލާޙު ފިޔަވާ ހުރިހާ އިޞްލާޙެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ މަޖިލީހުގެ ޤަވާއިދުގެ 58 ވަނަ މާއްދާއަށް އިޞްލާޙު ހުށައަޅުއްވާފައެވެ. އެއީ މަޖިލީހުގެ ޖަލްސާތަކުގައި ތެދުބަހުން ވާހަކަދެއްކުން ލާޒިމްކޮށް ހުށައެޅި އިޞްލާހެވެ. މި އިޞްލާޙު ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ ވޯޓްގައި ބައިވެރިވެވަށޑައިގެންނެވި 51 މެންބަރުންގެ ތެރެއިން 47 މެންބަރުންނެވެ.

މި އިޞްލާޙު ފާސްކުރުމަށް ވޯޓްދެއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދެވެ.

މަޖިލީހުން ފާސްނުކޮށް ބޭރުކޮށްލި ފަސް އިޞްލާޙުފިޔަވާ ހުރިހާ އިޞްލާޙެއް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުނުވާނެ އަދި ރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން ކޮންމެ ވާހަކައެއްވެސް މަޖިލީހުގެ ތަޅުމުގައި ދެއްކޭނެއެވެ.