ސިޔާސީ

އަންހެން ފަނޑިޔާރުން ޢައްޔަންކުރުމުގެ މައްސަލާގައި އައުލާކަން ބޮޑީ "ފިޤްހުއެކަޑަމީ"ގެ ބަސް - ރައީސް ނަޝީދު


ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ޢައްޔަންކުރުމުގައި އަމަލުކުރަންވީ ގޮތަކާ ގުޅޭގޮތުން އެންމެ މުހިންމީ ފިޤުހު އެކަޑީމިގެ ބަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންހެން ފަނޑިޔާރުން ޢަޔަންކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށައެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ އަންހެން ފަނޑިޔާރުން ޢައްޔަންކުރުމަށް ތާޢީދުކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އަންހެން ފަނޑިޔާރުން ޢަޔަންކުރުމާ ގުޅޭގޮތުން "ފެން ޖެހޭ" އެއްވެސް އެއްވެސް ޖަމާޢަތަކުން އެއްޗެއް ވިދާޅުވެފައިނުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންހެން ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީއާއި އެމްޑީޕީގެ ނިންމުން ލިބިފައިވާކަަމަށާއި، އެ ނިންމުމުގައި އެއީ ހުއްދަކަމެއްކަމަށް ބުރަވެވޭއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނިންމެވުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް މީޑިއާއިން އޭގެ މަޢުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، ފަތުވާދޭ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޖަމާޢަތަކަށްވާތީ، މިކަމުގައި އެންމެ މުހިންމީ ފިޤުހު އެކަޑަމީގެ ބަސްކަމަށެވެ.

ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ނިންމެވުން ބުރަވެފައިވަނީ އަންހެން ފަނޑިޔާރުން ޢައްޔަންކުރުމާއި ދެކޮޅަށެވެ. އެގޮތުން އަންހެން ފަނޑިޔާރުން ޢައްޔަންކުރުމަކީ ހަރާމްކަމެއްކަމަށް ފަތުވާދޭ މަޖިލީހުގެ ނިންމެވުމުގައިވެއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ފަތުވާދޭ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގަވާ މަޖިލީހަކަށްވުމުން، މި ރާއްޖޭގައި މިފަދަ ކަންކަމުގައި ބަހެއް ބުނުން އެންމެ އައުލާކަން ބޮޑީ ފިޤްހު އެކަޑީމިގެ ފަރާތުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވާ ދީނީ އެއްބައިވަންތަކަމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެދަށުން ވަނީ ފިޤްހު އެކަޑަމީ އިސްލާމީ ފަރތުވާދޭ އެންމެ މަތީ މަޖިލީހަށް ބަދަލުކޮށްފައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު ހަތް ފަނޑިޔާރުންނަށް އިތުރުކުރުމަށް ކޯޓްތަކާއި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙައި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖޭއެސްސީގެ ލަފައަކަށް ފޮނުވާފައިވަނީ ޑރ.އަޒްމިރާލްދާ ޒާހިޜާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދުގެ ނަންފުޅެވެ.

މި ދެ އަންހެން ބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢަޔަންކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުންނަށް ޢަޔަންކުރަން ލަފައަކަށް ރައީސް ފޮނުއްވެވި ޑރ.ަޒްމިރާލްދާއަކީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އައިޝާ ޝުޖޫން އަކީ ސިވިލް ކޯޓްގެ ކުރީގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭޣެ އެންމެ ފުރަތަމަ އަންހެން ޤާޒީވެސްމެއެވެ.