ކުޅިވަރު

ކުރީގެ ކުޅުންތެރިންގެ ފަރާތުން މުހިންމު ފިލާވަޅުތަކެއް ދަސްވެއްޖެ


މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުނު ޚާއްސަ މެޗަކީ މިލާންގެ ކުޅުންތެރިންނަށް ރާއްޖޭގެ ކުރީގެ ކުރިކެޓް ތަރިންގެ މޮޅު ކުޅުން ކައިރިން ބަލާލައި، ކުރީގެތަރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މިލާން ކްރިކެޓް އެކަޑަމީ ޓީމުގެ ކެޕްޓަން ހަސަން އިބްރާހީމް ބުނެފިއެވެ.

މި ޚާއްސަ މެޗުގައި ވާދަކުރީ ކުރީގެ ކްރިކެޓް ތަރިންގެ ޓީމަކާއި މިލާން ކްރިކެޓް އެކަޑަމީގެ ޓީމެވެ. މިމެޗް 42 ލަނޑުން ކާމިޔާބުކުރީ ކުރީގެ ކްރިކެޓް ތަރިންގެ ޓީމެވެ. މިމެޗައްފަހު ވާހަކަދައްކަމުން މިލާން ކްރިކެޓް އެކަޑަމީގެ ކެޕްޓަން ހަސަން އިބްރާހިމް ބުނީ މި ލިބުނު ފުރުސަތަކީ މިލާން ކްރިކެޓް އެކަޑަމީގެ ކުޅުންތެރިންނަށް ކުރީގެ ކުޅުންތެރިންނާއިއެކު އަގުހުރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށާއި ކުރީގެ ކުޅުންތެރިންގެ ފަރާތުން މުހިންމު ފިލާވަޅުތަކެއް ދަސްވެއްޖެކަމަށެވެ. ހަސަން ބުނީ މިލާން އެކަޑަމީއަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިން އުފައްދައި ޤައުމީ ލެވެލްއަށް ނެރެން މަސައްކަތްކުރާ އެކަޑަމީއެއްކަމަށެވެ.

މިލާން ކްރިކެޓް އެކަޑަމީއިންވަނީ މީގެ ކުރިން އިންޓަރ ސްކޫލް މުބާރާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ ޖަރސީވެސް ސްޕޮންސަރކޮށްދީފައެވެ.