ޚަބަރު

"ޓައިނީ ހާޓްސް"އަށް 10 އަހަރު ފުރުން ފާހަގަކުރަން ހަފްލާއެއް ބާއްވަނީ


"ޓައިނީ ހާޓްސް" އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް އާއްމުންނަށް ބައިވެރިވެވޭނެހެން ޚާއްސަ ހަފްލާއެއް ބޭއްވުމަށް އެ ޖަމިއްޔާއިން ނިންމައިފިއެވެ. މި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އަށްގަޑި ތިރީހުގައި ދާރުބާރުގޭގައެވެ.

ޓައިނީ ހާޓްސް އަކީ އުފެދުމުގައި ހިތުގައި ހުންނަ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި އެ ބައްޔަށް ފަރުވާ ހޯދުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު މެމްބަރ މާއިދަތު ވިދާޅުވީ ދަރުބާރުގޭގައި ބާއްވާ ހަފުލާއަށް ޓިކެޓު ނަގައިގެން އާންމުންނަށް ބައިވެރިވެވޭނެ ކަމަށެވެ. ދުއިސައްތަ ފަންސާސް މީހުންގެ ޖާގަ މިހާރު ފުލްވެފައިވީނަމަވެސް އަދިވެސް ޑޮނޭޓްކުރުމަށްޓަކައި ޓިކެޓް ގަންނަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ޓިކެޓެއް ވިއްކަނީ 500 ރުފިޔާއިން ފެށިގެންކަމަށެވެ. ރޭގަނޑުގެ ކެއުމަކާއެކު ބާއްވާ މި ހަފުލާގައި މިހާތަނަށް އެ ޖަމިއްޔާ އަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރުން އޮންނާނެކަމަށާއި ޖަމިއްޔާގެ މަސައްކަތްތަކާއި ރަނގަޅު ކުރަންވީ ކަންތައްތަކާ ގުޅޭގޮތުން ތަޖުރިބާކާރަކު ހަދާފައިވާ އިވެލުއޭޝަނެއް ވެސް އާންމު ކުރަން ވަނީ ނިންމައިފައެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހު ޓައިނީ ހާޓްސްއަށް 10 އަހަރު ފުރޭނެއެވެ. އެ ޖަމިއްޔާގައި 500 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވާއިރު މިހާތަނަށް ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ މައިގަނޑު ތިން ކަމަކަށެވެ. އޭގެ ތެރެއިން "ކެއާ ފޯ ޓައިނީ ހާޓްސް" ޕްރޮގްރާމްގެ ދަށުން ރާއްޖޭން ބޭރުން ހިތުގެ ޑޮކްޓަރުން ރާއްޖެ ގެނެސް ކޭމްޕްތައް ބާއްވާފައިވެއެވެ. މިގޮތުން މިހާތަނަށް 11 ކޭމްޕެއް ބާއްވާފައިވާއިރު އެއްހާހަށްވުރެ ގިނަ ކުދިންނަށް ވަނީ ފަރުވާދީފައެވެ. އަދި ބަނޑުގައި އޮއްވައި ކުއްޖާގެ ހިތުމުގެ މައްސަލަތައް ދެނެގަތުމަށް ސްކޭން ޑޮކްޓަރުން ތަމުރީނު ކުރުމަށް 90 ޓްރެއިނިންއެއް ވަނީ ހިންގާފައެވެ.

"ހެލްތީ ހާޓް" ޕްރޮގްރާމުން ވަނީ ޕްރީ ސްކޫލް ކުދިންނަށް ކަސްރަތު ކުރަން ދަސްކޮށްދިނުމަށް ޓީޗަރުން ތަމްރީނުކޮށްފައެވެ. އެކަމަށް ޚާއްސަ ލުއި ފޮތެއް އެ ޖަމިއްޔާއިން ވަނީ ނެރެފައެވެ.
"ސޭވް ޓައިނީ ހާޓް" ޕްރޮގްރާމުން ހިތުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ 200 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ފައިސާގެ އެހީ ދީފައެވެ.

އެ ޖަމިއްޔާއަށް 2017 ވަނަ އަހަރު ވަނީ ދުނިޔޭގެ ހާޓް ފެޑަރޭޝަންގެ މެމްބަރުކަން ލިބިފައެވެ.