ޚަބަރު

ސަރުކާރުން ހުށައެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


ސަރުކާރުން ހުށައެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމެޓީ ހިމެނޭހެން އެކުލަވާލާފައިވާ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި މަރުކާޒީ ބޭންކްގެ އިތުރުން އޮޑިޓަރ ޖެނަރަލް ހާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްފައެވެ.

ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށާއި ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނެއްވުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކުރައްވާފައެވެ. އަދި މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބެޖެޓުގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުންވަނީ މިހާތަނަށް މި އަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގެ ތަފްސީލް ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންނަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބަޖެޓްކުރުންކަމަށެވެ.

ބަޖެޓް އިތުރުކުރުމާ ގުޅޭގޮތުން އެމްއެމްއޭއިން ވިދާޅުވީ އަހަރުގެ މެދުތެރެއިން ދައުލަތުގެ ބަޖެޓް އިތުރުކުރިނަމަވެސް އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅަށްކަމަށެވެ.