ޚަބަރު

ބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުން - މިނިސްޓަރ އަމީރު


ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމަށް ބަޖެޓްކުރުން ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގެ ތަފްސީލް ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުކޮށް ޖަޒީރާރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށްކަމަށެވެ. ސަރުކާރުން ކުށަހަޅުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓަކީ 1.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ސަޕްލިމަންޓްރީ ބަޖެޓްގައި ދަރިވަރުންނަށް ސަރުކާރުންދޭ ސްކޮލަޝިޕުގެ ފުރުސަތު ފޯރުކޮށް ދިނުމަށް ޚާއްސަ ކުރެވިފައިވާ ސްކީމަށް 300 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގުރާމަށް 81 މިލިޔަން ރުފިޔާ ކަޑައަޅާފައިވާއިރު، ސިއްޙީ ދާއިރާގެ ޚިދުމަތް ފުޅާކޮށް ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަރައްޤީ ކުރުމަށް 294 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ހުއްޓިފައިވާ މަޝްރޫޢުތައް ހިންގުމަށް 150 މިލިޔަން ރުފިޔާ މިބަޖެޓްގައި ކަނޑައަޅާފައިވެއެވެ. އިންޑިޔާގެ ސަރުކާރުން ދެއްވި ހިލޭއެހީގެ މަޝްރޫޢުތަކަށް މިބަޖެޓްގައި 94 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން އަލަށް ފާސްކުރި ޤާނޫނު ތަކުން އުދުފެދިފައިވާ މުއައްސަސާތަކުގެ ބަޖެޓްގެ ގޮތުގައި 18.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެމްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 350 މިލިޔަން ރުފިޔާ ކަޑައަޅާފައިވާއިރު ސަޕްސިޑީ ފޯރުކޮށް ދިނުމާއި، ރެވެނިއުލެސްގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިޔަން ރުފިޔާ ދޫކުރުމަށް މިބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރ ވަނީ މިކަންކަން ހާސިލް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވަރާއި ސިޔާސަތުވެސް ކޮމިޓީގައި މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.

މިއަހަރަށް ދައުލަތުން ފާސްކުރި ބަޖެޓުން މިހާތަނަށް %50 ހޭދަކުރެވިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން އަހަރު ނިމެންވާއިރަށް ހޭދަކުރުންކަމަށާއި، އެމަޤްސަދު ސަރުކާރުން ޙާސިލްކުރާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބުހުރީ ހީކުރިވަރަށްވުރެވެސް ރަނގަޅަށްކަމަށާ، އެހެންކަމުން ދައުލަތަށް އަންދާޒާކުރި ވަރަށްވުރެ ލިބޭ މިންވަރު އިތުރުވެގެންދާނެކަމަށެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 30.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރަށް ލިބިފައިވާ ބޭރުގެ އެހީތަކާއިއެކު ހުށަހަޅާފައިމިވާ ބަޖެޓާއިއެކީ ދައުލަތުގެ ބަޖެޓްޖެ ޖުމްލައަކީ 31.95 ބިލިޔަން ރުފިޔާއެވެ.