ޚަބަރު

ސައުތު އޭޝިއަން ގޭމްސްގެ ކުރިން އިންވިޓޭޝަނަލް މުބާރާތްތަކެއް ރާއްޖޭގައި ބާއްވަނީ


ޑިސެންބަރު މަހުގައި އޮންނަ ސައުތު އޭޝިއަން ގޭމްސްގެ ކުރިން އިންވިޓޭޝަނަލް މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަޙްމަދު މަހުލޫފް ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުވިފަހުން ކުޅިވަރުގެ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. ޙާއްސަކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއީއައިޖީގައި ރަން މެޑަލް ހޯދުމަށް އެތުލީޓުންނަށް ތަމްރީން ޕްރޮގްރާމް ހޯދާދީފައިވެއެވެ. މި ފަހަރު އައިއޯއައިޖީގައި ރާއްޖެއިންވަނީ 15 މެޑަލް ހޯދާފައެވެ. މިނިސްޓަރ މަހުލޫފްވަނީ ކުޅިވަރުގެ ކޯޓްތަކަށް ވަޑައިގެން ކުޅުންތެރިންނާއެކު ކޯޓުމަތީގައިވެސް ޙަރަކާތްތެރިވެފައެވެ. ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓަރ މަހުލޫފް އިސްނަންގަވައިގެންވަނީ އަވަށްޓެރި ސްރީ ލަންކާގެ ޤައުމީ ޓީމް މާލެ ގެނެސް، އެކުވެރިކަމުގެ 3 މެޗެއް ކުޅެފައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ އައިއޯއައިޖީއަށް ތައްޔާރުވީ ގޮތަށް ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސަށްވެސް ތައްޔާރު ވާންޖެހޭކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ބައިނަލްއަޤްވާމީ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށާއި މިއީ ރާއްޖޭގައި ކުޅިވަރުގައި ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް ކުރަމުންދާ މަސައްކަތެއްކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ހުސް ދަނޑެއްގައި ނުވަތަ އެއްވެސް ސަޕޯޓަރެއް ނެތް ހޯލްއެއްގައި މެޗެއް ކުޅުމުން ކުޅުންތެރިންނަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާކަމަށާއި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މެޗެއްގައި ކުޅުންތެރިންގެ ހިތްވަރަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

"މިސަރުކާރުން ބޭނުންވާނީ ހުރިހާ ކުޅިވަރެއްވެސް އެންމެ ކުރީ ސަފުގައި ފިޔަޖަހަން. ސައުތް އޭޝިއަން ގޭމްސްގެ ކުރިން މިނިސްޓްރީން ބޭނުންވަނީ ވީހާވެސް ގިނަ ކުޅިވަރުތަކަށް ގިނަ މެޗްތަކެއް ހޯދައިދޭން. މިކަމަށް އެސޯސިއޭޝަންތަކުން އެއްބާރުލުން ދީގެން މަސައްކަތް ކުރިއަށް ގެންދަމުން މިދަނީ. އެސޯސިއޭޝަންތަކުން ބުނާ ޓީމްތަކަށް އަޅުގަނޑުމެން ދައުވަތު ދޭނީ. ކުލަބްތަކެއް ގެންނަން ބޭނުންވިއަސް، އެސޯސިއޭޝަންތަކުން ބޭނުންވާ ކުލަބްތަކަށް އަޅުގަނޑުމެން ދަޢުވަތު ދޭނީ. މީގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރުގެ ފޯރި އަލުން ގެނައުމާއި، އަމިއްލަ ގައުމްގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގިނަ މެޗްތަކެއް ކުޅުން. މިކަމުގެ ސަބަބުން ގެއްލިފައިވާ ކުޅިވަރުގެ ފޯރިވެސް އިތުރު ވެގެންދާނެކަމަށް ގަބޫލް ކުރެވޭ." މިނިސްޓަރ މަހުލޫފް ބުންޏެވެ.

2023ވަނަ އަހަރުގެ އައިޢޯއައިޖީ ބެއްވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. އަދި ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތުވެސްވަނީ ލިބިފައެވެ.