ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ނާޝިޒް


ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން ވަނީ ކޮމިޓީއެއް އުފައްދާފައެވެ. ދެކޮމިޓީ އެކުވެގެން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ކަޑައަޅާފައިވާއިރު، ނައިބް މުޤައްރިރަކަށް ކަޑައަޅާފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވަނީ ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާއިރު، މާދަމާރޭގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ރައީސްވަނީ އަމާޒު ހިފާފައެވެ. ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މިބަޖެޓަކީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށް ހުށަހަޅާފައިވާ ބަޖެޓެކެވެ.