ވިޔަފާރި

ކައިވެނި ހަފްލާ ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވަނީ


ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގައި ތިބި ފަތުރުވެރިކަމަށް ޝައުޤު ހުރި ބަޔަކު، ސްރީލަންކާއަށް ޒިޔާރަތްކުރާ ޔޫރަޕްގެ ފަތުރުވެރިންގެ ގްރޫޕެއް ރާއްޖެ ގެނެސް، އެމީހުންނަށް ޚިދުމަތް ދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރަތަމަ ޙަރަކާތެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު 40 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ މަންޒިލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކުން އަހަރަކަށް އަންނަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖެ މިއަދު މިވަނީ ފަތުރުވެރިކަމުގެ ބްރޭންޑަކަށްވެފައެވެ. އެކި ކަންކޮޅުތަކުގައި ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެއްފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އަންނަ ފަތުރުވެރިން ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިއިރު ދިވެހިރާއްޖެ ބޮޑަށް މަޤްބޫލުވެފައިވަނީ ޗުއްޓީ ހޭދަކޮށްލާ ހަނީމޫން ހަދާލަން އަންނަ މަންޒިލެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މި މަންޒަރު ވަނީ ބަދަލުވެފައެވެ. މިއަދު ރާއްޖެއަށް ކައިވެނިކުރަން އަންނަ މީހުންގެ ނިސްބަތްވެސް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދޮންވެލި ތުނޑިތައް ފެނި މި ޤައުމަށް މިހާރު ކައިވެނި ހަފްލާތައް ބާއްވަން އަންނަ ފަތުރުވެރިންގެ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ދާދިފަހުން ވަނީ ރާއްޖޭގެ ރިސޯޓެއް އެއްކޮށް ބުކްކޮށް އިންޑިއާގެ ކައިވެނި ހަފްލާއެއް ބާއްވާފައެވެ. މި ކައިވެނި ހަފްލާއަށް 300 އަށްވުރެ ގިނަ މީހުން ރާއްޖެވަނީ އައިސްފައެވެ. މިއީ އިންޑިއާގެ ސަޤާފީ ކައިވެނި ހަފްލާއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ. މީގެއިތުރުންވެސް ރާއްޖޭގެ ކަނޑުއަޑީގައާއި ފިނޮޅުތަކުގައާއި މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ފަތުރުވެރިންގެ ކައިވެނިތައް އަންނަނީ ބާއްވަމުންނެވެ މިކަމުންވެސް ހާމަވެގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާކަމެވެ. ކައިވެނި ހަފްލާތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ރިސޯޓްތަކުން ހާއްސަ ޕެކޭޖްތައް ތައާރަފްކުރުމަކީވެސް ރާއްޖޭގައި ކައިވެނިކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވުމުގެ ސަބަބަކަށް ވެދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގެ ނަތީޖާ ފެންނަމުންދާކަން ހާމަވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންއަންނާތީއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް މި ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަންވެސް ބޮޑުކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.