ޚަބަރު

ސަރުކާރުން 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފި


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓް ބަލައިގަނެ ބަޖެޓް މާދަމާރޭ ނިންމާލުމަކީ ވަރަށްބޮޑު އަމާޒެއްކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ދިރާސާކުރައްވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ. މަޖިލީހުގެ ރައީސް ވަނީ އެ މަސައްކަތް މާދަމާރޭގެ ނިޔަލަށް ނިންމައިދިނުމަށް އެ ކޮމިޓީގެ ކިބައިން އެދިވަޑައިގެންފައެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިއަދު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބެޖެޓުގެ ޑެފިސިޓު 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށްވެސް ފިނޭސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ވެއެވެ.

މިހާތަނަށް މިއަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ މިވީ އަށްމަސް ދުވަހުގެ ތެރޭގައި 1.9 ބިލޔަން ރުފިޔާވަނީ ލިބިފައެވެ.