ވިޔަފާރި

ވޯލްޑް ޓޫރިޒަމް ކޮންފަރެންސަށް ޓުއަރިޒަމް މިނިސްޓަރ މެލޭޝިޔާއަށް


5 ވަނަ "ވޯލްޑް ޓޫރިޒަމް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މެލޭޝިޔާއަށް ވަޑައިގަންނަވައިފިއެވެ.

މި ކޮންފަރެންސްގައި ޓުއަރިޒަމް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ ދުނިޔޭގެ ފަތުރުވެރިކަމާއިބެހޭ ޖަމިއްޔާ ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ދެއްވި ދައުވަތެއްގައެވެ.

މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ ބިޔޯންޑް ޓުއަރިޒަމް – ބިޔޯންޑް އެކްސްޕެކްޓޭޝަންސްއެވެ. މި ކޮންފަރެންސް ރަސްމީކޮށް ފަށްޓަވައިދެއްވާނީ މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދެވެ.

މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި "ފިއުޗަރ އޮފް ޓޫރިޒަމް ނިއު ސޯސަސް އޮފް ގްރޯތް" މި މައުޞޫއަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖޭގެ ފަތުރުވެރިކުގެ ކުރިމަގު އައު މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި މިކަން ހާސިލްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ތަޤުރީރުކުރައްވާނެއެވެ.

ޓުއަރިޒަމް މިނިސްޓަރ މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހީރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މެލޭޝިޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމައްދީން ކެޓާޕީއާއެކު މިނިސްޓަރ އަލީ ވަޙީދު މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރގެ ދަތުރުފުޅުޅައި، މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީގެ ދަޢުވަތަކަށް، އެޔުނިވާސިޓީގެ ރައީސްއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި ލީމްކޮކްވިންގ ޔުނިވާސިޓީއިން ފުރުޞަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ ޤައުމުތަކުގެ ތެރެއިން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.