ވިޔަފާރި

ބޭރުގެ އިތުރު މާކެޓްތަކަށް ހުޅުވާލުމަށް މަސްވެރިކަމާބެހޭ ބިލު ފާސްކުރަންޖެހޭ - މިނިސްޓަރ ޒަހާ


ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބޭރުގެ އިތުރު މާކެޓްތަކަށް ހުޅުވާލުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްވެރިކަމާބެހޭ ބިލަކީ ކޮންމެހެން ފާސްކުރަންޖެހޭ ބިލެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވުވެއްޖެއެވެ. ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، އަލަށް އެކުލަވާލާފައިވާ މަސްވެރިކަމާބެހޭ ބިލަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ބާރު ލިބޭނެހެން ފަރުމާކޮށްފައިވާ ބިލެއްކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާބެހޭ ބިލާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ މަސްވެރިކަމާބެހޭ ޤާނޫނަކީ މީގެ 32 އަހަރުކުރިން އެކުލަވާލައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނެއްކަމަށެވެ.

މިވީ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ބައިނަލްއަޤްވާމީ އެތައް މުޢާހަދާތަކެއްގައި ސޮއިކޮށްފައިވާއިރު ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ގޮތްތަކާއި އުޞޫލުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަލަށް އެކުލާވާފައިވާ މަސްވެރިކަމާބެހޭ ބިލަކީ މަސްވެރިކަމުގެ ސިނާޢަތް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރު ލިބޭނެހެން ޒަމާނީ ބަދަލުތަކާއެކު ފަރުމާކޮށްފައިވާ ބިލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޭރުގެ އިތުރު މާކެޓްތަކަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށްޓަކައި ރާއްޖޭގައި ކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކުރާ މަސްވެރިކަންތޯ ބޭރުގެ ފަރާތްތަކަށް ޔަޤީންކޮށްދޭންޖެހޭކަމަށްވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުން އެކަން ކަށަވަރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރު އަޅުގަނޑުމެންގެ މަސްވެރިކަން ބައްޓަންވެފައިވާގޮތުން އެއްދުވަހަށްވުރެ ގިނަ ދުވަހަށް ކުރާ މަސްވެރިކަން އެބަކުރޭ. ހަމައެކަނި ދޮށީގެ މަސްވެރިކަމެއްނޫން މިހާރު ކުރަނީކީ.. ކަންނެލީގެ އަތުނަނުގެ މަސްވެރިކަމާއި ތަފާތު އެހެން ބާވަތުގެ މަސްވެރިކަން އެބަކުރޭ. މިހާރުގެ ބިލް އަޅުގަނޑުމެން ފަރުމާކޮށްފައިވަނީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުން ހުރި ގޮންޖެހުންތައް ހައްލު ހޯދައިދިނުމަށްޓަކާ. އަޅުގަނޑުމެން ބޭނުންވަނީ މަސްވެރިކަން ރާވާ ހިންގާ، މެނޭޖްކުރުމަށް ޤާނޫނީ އޮނިގަނޑެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވީ، މަސްވެރިކަމުގެ މުޅި ސިނާޢަތް ކުރިއެރުވުމުގައި މިސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަން ކުރިއަށްނެރެ، ތިމާވެއްޓާ ރަށްޓެހި ސިނާޢަތަކަށް މިސިނާޢަތްވެސް ހެދުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުތަކުން ބާނާމަހުގެ ނަފާ ދިވެހިންގެ ޖީބަށް ލިބޭނެހެން ސިޔާސަތުތައް ތަންފީޒުކުރުންކަމުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

އެގޮތުން މި ޤާނޫނުގެ ދަށުން ކުރެވޭނެ އެންމެ މުހިއްމު އެއް މަސައްކަތަކީ ރާއްޖޭގައި ކުރާ ކޮންމެ ބާވަތެއްގެ މަސްވެރިކަމަކީވެސް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކުރިއަށްގެންދެވޭ މަސްވެރިކަމަކަށް ހެދުންކަމަށާއި، މިފަދަ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލެވިގެންދާނީ ބައިނަލްއަޤްވާމީގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ބަލާ، ސަރަޙައްދީ ފެންވަރުގައިވެސް އަމަލު ކުރާ ޤާނޫނުތަކާއި ފުށުނާރާނެހެން ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިންނާވެސް މަޝްވަރާކުރުމަށްފަހުކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސްވެރިކަމުގެ މުޅި ސިނާޢަތް ބައްޓަންވެގެންދާނީ ދެމެހެއްޓެނިވި މަސްވެރިކަމެއް ޤާއިމުކުރުމަށްޓަކާ. ދިގު މުއްދަތަކަށް އެކަންކުރެވޭނެ އުޞޫލުތަކެއް ގެންގުޅޭނީ. މި ޕްލޭންތައް ހަދާއިރު އަޅުގަނޑުމެން އެކަންޏެއްނޫން ހަރަކާތްތެރިވާނީކީ. މީގެ ތެރޭގައި ހިމެނޭނެ މަސްވެރިން، މި ސިނާޢަތާ ގުޅުންހުރި ތަފާތު ފަރާތްތަކާއި، ތިމާވެށީގެ ކަންކަމާބެހޭ ތަފާތު ތަޖުރިބާކާރުންވެސް." މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމާބެހޭ އައު ބިލުގައި މަސްވެރިންނަށް ޕެންޝަން ސްކީމާއި، ހައުސިންގ ސްކީމާއި، ބޭންކުތަކުން ލޯނު ހޯދުމުގައި ދިމަވާ ދަތިތައްފަދަ ކަންކަމަށް ހައްލުހޯދޭނެ ގޮތްތަކެއް ހިމަނާފައިނުވާތީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން މިބިލަށް ވަނީ އަމާޒުވެފައެވެ.
މިކަމާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މި ބިލަކީ މަސްވެރިކަމުގެ ސިނާޢަތް ރާވާ ހިންގުމަށް ބޭނުންވާ ޤާނޫނީ ފްރޭމްވޯކެއްކަމުން، މި ބިލުގައި މަސްވެރިންނަށް އިޖްތިމާޢީގޮތުން ބޭނުންވާ ތަފާތު ކަންކަން ހިމަނާފައިނުވާނެކަމަށެވެ. އެހެންނަމަވެސް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން މަސްވެރިންނަށްވެސް އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުން އެއީ ކުރެވިދާނެކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަމިއްލަ ވިޔަފާރިއެއް ކުރާނަމަ ޕެންޝަން ސްކީމުގައި އެބައޮވޭ ވޮލެންޓްރީކޮށް ބައިވެރިވެވޭނެ ފުރުޞަތުވެސް. ނަމަވެސް މަސްވެރިންނަށް މިދަންނަވާ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭންވެއްޖެއްޔާ ވަކި ބިލެއް އޮންނަންޖެހޭނެކަމަށް ޤަބޫލުކުރަނީ. އަޅުގަނޑުވެސް ޤަބޫލުކުރަން މަސްވެރިންގެ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމަށްޓަކާ ޕެންޝަން ސްކީމާއި އެހެނިހެންކަންކަންވެސް ފަހިކޮށްދޭންޖެހޭކަން. އެހެންކަމުން ސޯޝަލް އެކްސްޕެކްޓުން ވަކި ބިލެއް ނުވަތަ މިހާރު އަމަލުކުރަމުންދާ ޕެންޝަނާބެހޭ ޤާނޫނުގައި އެބައި ހިމެނުން އެއީ މަސްވެރިންގެ ކަންބޮޑުވުމަށް ނިމުމެއް ގެނުވޭނެކަމެއް." މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަސްވެރިކަމާބެހޭ އައު ބިލާއެކު އަންނާނެ މުހިންމު ބަދަލުތަކުގެ ތެރޭގައި މަސްވެރިކަމުގައި ބިދޭސީންނަށް އެއްވެސް ވަރަކަށް ހަރަކާތްތެރިނުވެވުމާއި، މަސްވެރިކަމަށް ލައިސަންސް ދިނުމާގުޅޭ ކަންކަން ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރުމާއި، ރާއްޖޭގައި މަސްވެރިކަން މޮނިޓަރކުރުމާއި، ކޮންޓްރޯލްކުރުމުގެ ބާރު ދިވެހި ފުލުހުންނާއި ސިފައިންނަށް ދިނުން ހިމެނެއެވެ.