ސިޔާސީ

ޖޭއެސްސީއަށް ފަނޑިޔާރަކު އިންތިޚާބުކުރުމަށް ވޯޓްލާން ފަށައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުން ފަށައިފިއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ އިންތިޚާބީ މަރުކަޒު، ބާޖަމާލުއްދީނާއި، ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ އިތުރުން، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި، ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ހިމެނޭހެން ޖުމްލަ ތިން ފަނޑިޔާރުންނެވެ.

178 ފަނޑިޔާރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކުރައްވާނެ. އަދި ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީގައި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު މިބާއްވަނީ، މިހާރު އެމެންބަރުގެ ގޮތުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.