ވިޔަފާރި

ޓޫރިސްޓް ސްކައުޓުން ޖެނުއަރީމަހު މަސައްކަތަށް ނިކުންނަނީ


އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ޓޫރިސްޓް ސްކައުޓުން ވަޒީފާއަށް ނިކުމެވޭވަރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ޓޫރިސްޓް ސްކައުޓުން ތަމްރީންކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށެވެ.

ޓޫރިސްޓް ސްކައުޓް ޕްރޮގުރާމްގެ މަޤްސަދަކީ މިހުން ދިރިއުޅޭ ރަށްރަށުގައި މޫދަށް އެރުމާއި، ސްނޯރކަލް ކުރުމާއި އަދި މިނޫންވެސް ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ވީހާވެސް ރައްކާތެރި މާހައުލެއް ޤާއިމް ކުރުމެވެ. މި ޕްރޮގުރާމް މުޅި ރާއްޖޭގައި ހިންގަން ގަސްތުކުރެވިފައިވީނަމަވެސް، ފުރަތަމަ ފިޔަވަހީގައި އިސްކަންދިނުމަށް ގަސްތު ކޮށްފައިވަނީ ހާދިސާއެއް ދިމާވެދާނެކަމަށް ބެލެވޭ ރަށްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިރަށްތައް ކަނޑައެޅީ ގެސްޓްހައުސް ހިންގާ ރަށްތަކުގެ ތެރެއިން 100 އެނދުންމަތީގެ ރަށްތަކާއި ހާދިސާތައް ގިނައިން ރިޕޯޓް ކުރެވިފައި ހުރި ރަށްތަކަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މިޕްރޮގްރާމްގެ ދަށުން ވޯޓަރ ސޭފްޓީ ތަމްރީން ދެވިފައިވާ ލައިޕްގާޑުން ކޮންމެ ރަށެއްގައިވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވޯޓަރ ސޭފްޓީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ 19 ރަށަކަށް 50 ލައިފްގާޑުން ބަހައްޓާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތް ކުރާނީ ރަށު ކައުންސިލްތަކާ ގުޅިގެންނެވެ. އަދި މި ކަމުގައި އެ ރަށްތައް މެޕްކޮށް، މޫދަށް އެރޭ ސަރަހައްދާއި ސްނޯކްލިން ސަރަހައްދާއި އެކްސްޓްރީމް ވޯޓާ ސްޕޯޓްސް ކުޅޭ ސަރަހައްދުތައް ވަކި ކުރާނެ އެވެ. އަދި ކައުންސިލުން ހުށަހަޅާ މެޕްގެ ސަލާމަތީކަންތައް ބެލުމަށްފަހު، އެ ހަރަކާތްތައް ހިނގޭނެ ސަރަހައްދުތައް ދިދަ ޖަހައިގެން އަންގައިދޭނެއެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ދިމާވެ، ގާތްގާތުގައި ފަތުރުވެރިން މަރުވަމުންދާތީ މިކަން ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަލާމަތީ އިރުޝާދުތަކާއި، މޫދަށް އެރި އުޅުމާއި، ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑުތަކުގެ މަޢުލޫމާތު ހިމެނޭ ބޯޑުތައް ފަތުރުވެރިން އެންމެ ގިނައިންދާ ރަށްތަކުގައި ބެހެއްޓުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.