ވިޔަފާރި

ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް އަރިއަތޮޅުގައި ފަށަނީ


ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް އަރިއަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ތަފާތު އެކި ބާވަތުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް ޒުވާނުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ މިފަދަ ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މި މަސްވެރިކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމުގައި އެންމެ ފުރަތަމަ ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ 20 މީހުން ކަމަށެވެ.

" ވޯލްޑް ބޭންކް ޕްރޮޖެންޓްގެ ދަށުން 20 ފަރާތަކާއި އެކީ އަރިއަތޮޅުގެ ސަރަޙައްދުގައި މި މަސައްކަތް ފަށާނަން، އޭރުން ފާނަ އާލާ ކޮށްފައި، އެމީހުންނަށް ބާޒާރަށް ވިއްކޭވަރު ކުރެވޭތޯ، އާ މަސްވެރިކަމަކަށް މި ދެވެނީ، އާ ސިނާއަތަކަށް،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ދަނީ އެކުއަރކަލްޗަރ ތަރައްޤީކުރުމަށް އެ ދާއިރާއިން މީހުން ތަމްރީން ކުރުމަށްޓަކައި، މާލެ އަތޮޅު މަނިޔަފުށީގައި ޓްރެއިނިން ސެންޓަރެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ކުރީކޮޅު ފިޝަރީޒް މިނިސްޓްރީން ވަނީ ތުތި ބޯވަދިހަ މަހުގެ މަސްވެރިކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމްތަކެއް ފަށާފައެވެ. މި ތަމްރީން ޕްރޮގްރާމްތަކަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ