ޚަބަރު

ފަސޭހަކަމާއެކު ދަތުރުފަތުކުރެވޭނެ ނިޒާމެއް މުޅިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން - މިނިސްޓަރ އަސްލަމް


ސަރުކާރުން ރާއްޖޭގައި ޤާއިމްކުރާ ފެރީގެ ނިޒާމުގެ ތެރެއިން ފަސޭހަކަމާއެކު ދަތުރުފަތުކުރެވޭނެ ނިޒާމެއް މުޅިރާއްޖޭގައި ހަމަޖެހިގެންދާނެކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި ބައިވެރިވި ކައުންސިލަރުންނަށް މަޢުލޫމާތު ދެއްވުމަށްބޭއްވި ސެޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ފެރީގެ ނިޒާމުގެ ތެރެއިން ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭނުންކުރަމުންދާ ސްޕީޑްފެރީ ރާއްޖެއަށް ތަޢާރަފްކުރެވޭނެކަމަށެވެ. އެމްޑީޕީން 2009ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު ތަޢާރަފްކުރި ދަތުރުފަތުރުގެ ނިޒާމު ނިމިދިޔަ ސަރުކާރުން ފެލްކޮށްފައިވާކަމަށާ، މިނިޒާމަކީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ކޮންމެހެން އޮންނަންޖެހޭ ނިޒާމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފެށްޓުމަށް ހަމަޖެހިފައިވާ ފެރީގެ ނިޒާމް 3 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިނިޒާމުގެ ތެރެއިން މުޅި ރާއްޖެ ކަވަރ ކުރެވޭނެ ގޮތަކަށް ޕްލޭން ކުރެވިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފެރީގެ ނިޒާމާއެކު ރާއްޖޭގެ ރަށްރަށުގެ ބަނދަރުތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށާ، މިކަންކަންވެސް ޕްލެއިން ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފެރީގެ ނިޒާމު ޤާއިމްކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައިވެސް މިހާރު މަޝްވަރާކުރެވިފައިވާކަމަށާ، ސަރުކާރުގެ އަމާޒަކީވެސް ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.