ޚަބަރު

ކައުންސިލަރުންގެ މަހާސިންތާ: ރަށްރަށުގެ ކަންބޮޑުވުންތައް ވަޒީރުންނާ ޙިއްސާކޮށްފި


ވެރިކަންކުރާ ޕާޓީ އެމްޑީޕީން ބާއްވާ ކައުންސިލަރުންގެ މަހާސިންތާގައި ބައިވެރިވި ކައުންސިލަރުން އެބޭފުޅުންގެ ރަށްރަށަށް ދިމާވެފައިވާ ކަންބޮޑުވުންތައް ސަރުކާރުގެ ވަޒީރުންނާ ޙިއްސާކުރައްވައިފިއެވެ.

އެމްޑީޕީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކައުންސިލަރުންގެ މަހާސިންތާގެ ރޭގެ ސެޝަންގައިވަނީ ކައުންސިލަރުންގެ ކަންބޮޑުވުންތަކާއި ރަށްތަކަށް ރޭވިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. މަހާސިންތާއަށް ވަޑައިގެންނެވި ވަޒީރުންގެތެރެއިން ކައުންސިލްތަކުން ބައްދަލުކުރަން ބޭނުންވާ ވަޒީރަކާ ބައްދަލުުކުރެވޭގޮތަށް އިންތިޒާމްކޮށްފައިވާ މި ބައްދަލުވުންތަކުގައި ގިނަ މައުލޫމާތުތަކެއް ކައުންސިލަރުންނަށް ވަނީ ދެއްވާފައެވެ.

ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ކުރިއަށް ރާވާފައިވާ ޕްރޮކެޓްތަކުގެ މަޢުލޫމާތު އެވުޒާރާއެއްގެ ވަޒީރު ކައުންސިލަރުންނާ، ހިއްސާކުރައްވާފައިވެއެވެ. މީގެ އިތުރުން ކުރިއަށްއޮތް އަހަރަށްވެސް މިނިސްޓްރީތަކުން ވަކި ރަށްރަށަށް ގެންގުޅުއްވާ މަޝްރޫޢުތަކާއި، ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫޢުތަކާ ގުޅޭގޮތުން މިބައްދަލުވުމުންތަކުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެމްޑީޕީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކައުންސިލަރުންގެ މަހާސިންތާއަކީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ޤާނޫނާއިމެދު އެމްޑީޕީގެ ކައުންސިލަރުންނާއި މަޝްވަރާކުރުމަށް އެޕާޓީން އިސްނަގައިގެން ބާއްވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާ ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.