ޚަބަރު

ޓެކްސް އެޕީލް ޓްރެބިއުނަލަށް އަހަރަކު 5 މައްސަލަވެސް ނުބެލޭ - ފިނޭންސް މިނިސްޓްރީ


ޓެކްސް އެޕީލް ޓްރެބިއުނަލަށް އަހަރަކު 5 މައްސަލަވެސް ނުބެލޭކަމަށާ، މިއީ ކަންބޮޑުވާ މައްސަލައެއް ކަމުގައި ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ މަސައްކަތްތައް ހުރި ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓަންޓް އަރުޝަދު ޖަމީލް ވިދާޅުވީ ޓެކްސް އެޕީލް ޓްރެބިއުނަލް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމަށާ، މިހާތަނަށް އެމިނިސްޓްރީން ބެލިބެލުމުން އަހަރަކު 5 މައްސަލަވެސް ބެލިފައި ނުވާކަމަށެވެ.

މިއީ ޓެކްސް ދައްކާފަރާތްތަކުން ދިމާވާމައްސަލަތައް ހައްލުކުރުމަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އަރުޝަދު ވިދާޅުވީ ޓެކްސް އެޕީލް ކޮމިޝަނަށް ރާއްޖޭގެ މަސްރަހަށް އައިބަދަލުތަކާއެކު ގިނަ މައްސަލަތައް ހުށަހެޅިފައިވާކަމަށާ، ނަމަވެސް މިމައްސަލަތައް ބަލައި ފިޔަވަޅު އެޅިފައިނުވާކަމީ މިމައްސަލަތައް ހުށަހަޅާ ފަރާތްތަކުގެ ކަންބޮޑުވުމެއްކަމަށެވެ. މިމައްސަލަޔަކީ ކަންބޮޑުވާންޖެހޭ ފަދަ މައްސަލައަކަށް ވުމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާޙްތަކުގައި މިތަނަށް ޙާއްސަކޮށް އިސްލާހުތަކެއް ހުށަހަޅިފައިވާކަމަށް އަރުޝަދު ވިދާޅުވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެއް. ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.